26 Aug 2015, 08:34
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުޙައްމަދު މިއަދު 'ސަން' އަށް ވިދާޅުވީ، މިއަދު 7:00 ކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ގ. މަސްއޮޑިގޭ ފުރަތަމަ ފަންގިފިލާ އެއްކޮށް އަނދާފައިވާ ކަމަށެވެ. އެއަލިފާންގަނޑު 7:20 ގައި ނިއްވާލާފައިވާ ކަމަށް ވެސް އަދުނާން ވިދާޅުވި އެވެ.
"މަސް އޮޑިގޭ ފުރަތަމަ ފުލޯގައި ރޯވެފައި ވަނީ ވަރަށް ބޮޑަށް، ފުލޯ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް ކަހަލަ ގޮތަކަށް އަނދާފައިވާ ކަމަށް މައުލޫމާތު ލިބެނީ،" އަދުނާން ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފްނުވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށް އަދުނާން ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ހާދިސާގައި ދިވެއްސަކަށް އަނިޔާވި ކަމަށާއި އޭނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ އަށް އަނިޔާވެވެފައި ވަނީ އަލިފާނުގެ ހާދިސާއިން ސަލާމަތްވުމަށް ފައިބަނިކޮށް ސިޑިން ވެއްޓި ބޯ ފަޅައިގެންގޮސްގެންނެވެ.