26 Aug 2015, 01:08
ރާއްޖޭގެ ޖަލުތަކުގައި ހިންގާ ޕްރޮގްރާމްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދާގޮތް ބަލައި، އެކަމުގެ އަމަލީ ތަޖުރިބާ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޓީމަކުން މެލޭޝިއާއަށް ކުރި ދަތުރު ނިންމައި އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އޮފިސަރުން، މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމަށް މިމަހުގެ 15އިން 25 އަށް މެލޭޝިއާ ޕްރިޒަން އެކަޑަމީއަށް ކުރި “ސްޓަޑީ ޓުއަރ” ނިންމާލައި އެނބުރި ރާއްޖެ އައިސްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
އެމްސީއެސްއިން ބުނީ، އެ ދަތުރުގެ ބައިވެރިން ވަނީ މެލޭޝިޔާގެ އެކިއެކި ޕްރިޒަން ތަކުގެ ކަމާގުޅޭ އެންމެހާ ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށް އެ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރާގޮތް އޮޅުންފިލުވައި އެފަރާތްތަކުގެ މަސައްކަތްތައް ބައްލަވާފަައެވެ. އަދި އެ ޓީމުން އެފަދަ މަސައްކަތް ތަކުގެ އަމަލީ ތަޖުރިބާވެސް ހޯދިކަމަށެވެ.
މެލޭޝިއާ ޕްރިޒަން އެކަޑަމީއަކީ އެމްސީއެސްގެ އޮފިސަރުން ތަރައްގީ ކުރުމަށް އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގައި، އޮފިސަރުން ތަމްރީނު ކުރުމަށް ވަރަށްބޮޑު އެހީތެރިކަމެއް ދެމުންގެންދާ ފަރާތެއްކަމަށް ވެސް ރާއްޖޭގެ ޖަލުތަކާބެހޭ އިދާރާއިން ބުންޏެވެ.
މެލޭޝިއާއަށް ދިޔަ އެމްސީއެސްގެ ޓީމުގެ ބައިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި އައްސޭރި ޖަލުގެ ޑިރެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ހުސައިން އާއި މާފުށީ ޖަލުން ޑެޕިއުޓީ ޑިއިރެކްޓަރ އޮފެންޑަރ ސާވިސް އެންޑް މެއިންޓެނަންސް، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން އާއި އޮފެންޑަރ ސާވިސް ޑިޕާޓްމަންޓްގެ ހެޑް، ސީނިއަރ ޕްރިޒަންސް އޮފިސަރު ޢަލީ މާހިރު އާއި އައްސޭރި ޖަލުގެ ޕްރޮގްރާމްސް އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް ހެޑް، ސްޓާފް ސާޖަންޓް މުޙައްމަދު ރަމީޒްގެ އިތުރުން ސިވިލް އޮފިސަރު މައުވާ މުޙައްމަދު ޝާފިއު އެވެ.