ސަރުކާރުން އުފައްދާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން )އެމްޑީ( އައްޔަންކުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހު ހުށަހަޅުއްވަމުން ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، އެ އިސްލާހު ހުށަހަޅުއްވަން ޖެހުނީ، ސަރުކާރުން ކަންތައް ކުރަމުންގެންދާ ގޮތުން ރައްޔިތުން ހިއްސާވާ ކުންފުނިތަކުގައި ތިބި ހިއްސާދާރުންގެ ހައްގުތައް ގެއްލެމުންދާތީ ކަމަށެވެ. އަދި ސަރުކާރުން އައްޔަންކުރާ މެނޭޖިން ޑިރެކްޓަރުން ބޭނުންކޮށްގެން ކުންފުނިތަކުގެ މައްޗަށް ސަރުކާރުން ނުފޫޒު ފޯރުވައި މީހުންގެ ހައްގުތަކަށް ނުބަލައި ސަރުކާރުން ބޭނުން ގޮތަކަށް ކަންތައް ކުރަމުންގެންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސް އާއި އެމްޓީސީސީ އާއި އެމްޓީޑީސީގެ ބޯޑަށް ސަރުކާރުން ބޭނުންވާ ބަޔަކު އައްޔަނު ކުރުމަށް މަސައްކަތްކޮށް އޭގެތެރެ އިން އެމްޓީޑީސީގެ މުޅި ބޯޑު ސަރުކާރުން ބޭނުންވާ ގޮތަކަށް އައްޔަންކުރުމަށް ފަހު އެތަނުން ސަރުކާރު ބޭނުންވާ ގޮތަކަށް ސަރުކާރުން ކަންތައްތައް ކުރަމުން ގެންދަނީ،" މުއްތަލިބު ވިދާޅުވި އެވެ.

އެ އިސްލާހަށް އިދިކޮޅު މެންބަރުން ތާއީދު ކުރެއްވި ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ އެ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެ، އެ އިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ވިލިފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވީ، މާތް މަގުސަދެއްގައި އުފައްދާފައިވާ ކުންފުނިތައް ބޭނުންކޮށްގެން ސަރުކާރުން ސިޔާސީ ކުޅިތައް ކުޅުވުން ހުއްޓަން ޖެހޭ ކަމަށެވެ. އަދި އޭނާ އަކީ މަޖިލީހުގައި ވޯޓު ދިންގޮތަކުން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވި ކުންފުންޏަކަށް ބޮޑެތި ދަތިތަކެއް ކުރިމަތި ކުރުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި އެކަން އެގޮތަށް ވެގެންނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ސަރުކާރުން ހުދުމުތާރު ގޮތެއްގައި ރައްޔިތުންނަށް އޮޅުވާލުންތައް އޮޅުވާލަމުންގެންދާ ކަމަށާއި، އެފަދަ އިސްލާހްތައް ގެންނަން ޖެހެނީ އެހެންވެގެންކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ކުންފުނިތަކުގެ ބޯޑުގައި ތިއްބަވާ ބޭފުޅުން ވެސް ކުރައްވަމުންގެންދަވާ މަސައްކަތަކީ ސަރުކާރު ހިމާޔަތްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށް އެފަދަ އިސްލާހު ގެންނަން ޖެހެނީ، ނުފޫޒު ބޭނުންކޮށްގެން ގާނޫނުތަކާއި ގާނޫނު އަސާސީއާ ހިލާފް ކަންތައްތައް ކުރަމުން ގެންދާތީ ކަމަށެވެ. އެގޮތު ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ވަނީ ވަރަށް މަތީގައިކަން ވެސް ނިހާނު ފާހަގަ ކުރެއްވި އެވެ.

"ބައްލަވާ މިއޮތީ ރާއްޖެ އޮތް ހާލަތު ކޮރަޕްޝަން އިންޑެކްސްގައި 134 ޒިންބާބްވޭ އޮތްއިރު ރާއްޖެ މިއޮތީ 143ގައި. މިހިރީ ހާލަތު ހުރި ގޮތް،" ނިހާނު ވިދާޅުވި އެވެ.

އެ އިސްލާހަށް ފާޑުވިދާޅުވަމުން ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ ވިދާޅުވީ މިއީ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތަށް ހުރަސްއެޅުމަށް ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށެވެ. އަދި އެފަދަ އިސްލާހުތަކަކީ އިދިކޮޅު ފަރާތްތައް ބޭނުންވާ ގޮތަށް ކަންތައްތައް ނުވާތީ ކުންފުނިތަކުގައި ތިބި އިސް ފަރާތްތައް ބޭރުކުރުމުގެ މަގުސަދުގައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.