ކަރެކްޝަނަލް ސާވިސް އިން އެތަނުގެ ލިޔުމަކަށް ބަދަލުގެނައުމަށްފަހު އެ ލިޔުން ފުލުސް އޮފީހަށް ހުށަހަޅައި ފުލުހުންނަށް އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުން ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މައްސަލަ ހުށަހެޅުއްވުމަށްފަހު ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ކަރެކްޝަނަލް ސާވިސް އިން އެތަނުގެ ލިޔުމަކަށް ބަދަލުގެނެސް ފުލުހުންނަށް ހުށަހެޅިކަން އޭނާއަށް އެނގިވަޑައިގަތީ މިރޭ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމުން ކަމަށެވެ.

"މައުލޫމާތު ސާފުކުރަން އަޅުގަނޑު ފުލުސް އޮފީހަށް ހާޒިރުކޮށް ވާހަކަދެއްކުމުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ކަރެކްޝަނަލް ސާވިސް އިން ޕޮލިހަށް ހުށަހަޅާފައިވާ ބައެއް ލިޔުންތައް ކަރެކްޝަނަލް ސާވިސް އިން ފޯޖުކޮށްފަ ހުރިކަން. ލިޔުމަށް ބަދަލު ގެނެސްފައި ހުރި ކަމަށް ފާހަގަ ކުރެވިގެން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އަށް މި ހުށަހެޅީ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައާ ބެހޭގޮތުން ހަސަން ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ހަސަން ލަތީފްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ފުލުސް އޮފީހަށް ވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކަރެކްޝަނަލް ސާވިސް އިން ބަދަލުގެނެސްފައި ވަނީ ރައީސް ނަޝީދަށް އެ ސާވިސް އިން ފޮނުވި ސިޓީއެއްގެ ފޮޓޯ ކޮޕީ ނެގުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދަށް ކަރެކްޝަނަލް ސާވިސް އިން ފޮނުވި ސިޓީގެ ފޮޓޯ ކޮޕީ ނެގުމަށްފަހު ކަރެކްޝަނަލް ސާވިސްގެ ފަރާތުން ފުލުސް އޮފީހަށް ފޮނުވި ފޮޓޯ ކޮޕީ ނަގާފައިވާ ސިޓީ ބެލިއިރު އޭގައިވާ ސިޓީ ނަންބަރަށް އަތުލިޔުމުން ބަދަލުގެނެސްފައިވާ ކަމަށެވެ.

"ނަންބަރެއް ބަދަލުކޮށްފައި އޮތްކަމަށް ފާހަގަކުރެވުނީ. ރައީސް ނަޝީދަށް ފޮނުވި ސިޓީގައި އޮންނަނީ 125. އެއީ ސިޓީގެ ނަންބަރު. ފުލުހުންނަށް ކަރެކްޝަނަލް ސާވިސް އިން ފޮނުވި ސިޓީގައި 125 ގެ ފަހަތަށް ސުމެއް އިތުރުކުރައްވާފަ ވަނީ. 1250 އަށް ބަދަލުކޮށްފަ ވަނީ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ފުލުހުންގެ ތަހުގީގު ޓީމަށް ވެސް އެކަން ފާހަގަކުރެވިގެން އެބޭފުޅުންނާ އެކަމާ ބެހޭގޮތުން ވާހަކަދެއްކި ކަމަށެވެ.

މިކަމާ ބެހޭގޮތުން ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިރޭ ސަން އަށް ވިދާޅުވީ އެ މައްސަލައަކީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ އެ މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް މީޑިއާއަށް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

މިކަމާ ބެހޭގޮތުން ކަރެކްޝަނަލް ސާވިސްގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.