ފުލުހުންގެ ތަހުގީގައި ކުރި ބައެއް ސުވާލުތަކަށް ޚަތިމުގައި އަތްލައި މާތްﷲ ގަންދީ ހުވާކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ޖަވާބުދެއްވައިފިއެވެ.

ފުލުސް އޮފީހުން ފޮނުވި ޗިޓަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް މިރޭ ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ، އޭނާ ހާޒިރުކުރީ ރައީސް ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމުގެ ބާކީ އޮތްބައި ގޭބަންދަށް ބަދަލުކުރި ކަމަށް ބުނެ ކަރެކްޝަނަލް ސާވިސްގެ ލެޓާ ހެޑާއި އެތަނުގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް އެމަނިކުފާނަށް ދޫކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ، ކަރެކްޝަނަލް ސާވިސްގެ ލެޓާ ހެޑާއި އެތަނުގެ ތައްގަނޑު ޖަހާފައިވާ އެ ލިޔުން ރައީސް ނަޝީދާ ހަވާލުކުރީ ޓައިއެއް އަޅައިގެން ހުރި މީހަކު މިއަހަރުގެ ޖުލައި 19 ވަނަ ދުވަހުގެ ރޭ މ. ޔާގޫތުގެއަށް ގޮސް ކަމަށެވެ.

އެ ލިޔުން ހަވާލުކުރި މީހަކީ ކާކުކަން އެއްވެސް ގޮތަކަށް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ، ލިޔުން ހަވާލުކުރަން މީހަކު ޔާގޫތުގެއަށް ދިޔުމުން ރައީސް ނަޝީދު އޭނާއަށް ފޯނުން ގުޅުއްވައި އެގެއަށް ދެވިދާނެތޯ އެއްސެވި ކަމަށާއި އެގެއަށް ވަޑައިގަތީ އެހެންވެ ކަމަށެވެ.

"ދިޔައިރު އެތަނުގައި ހުންނެވިއޭ ޓައިއެއް އަޅުއްވައިގެން ބޭފުޅަކު. ކަރެކްޝަނަލް ސާވިސްގެ ލެޓާ ހެޑްގަ ކަރެކްޝަނަލް ސާވިސްގެ ތައްގަނޑު ޖަހާފަ އޭގެ މަތީގައި ސޮއިކޮށްފަ އޮތް. އަދި ކަރެކްޝަނަލް ސާވިސް އިން އޭގެ ކުރިން އެއީ 21 ޖޫން 2015 އާއި 23 ޖޫން 2015 ގައި ހަވާލުކުރި ދެ ލިޔުމުގައި އޮތް އިބާރާތާއި އެއްވައްތަރެއްގެ އިބާރާތެއް އޮތް ލިޔުމެއް ހިއްޕަވައިގެން ހުރި ބޭފުޅަކު ހުންނެވިއޭ، ދެ އޮރިޖިނަލް، އޭގެ އެއް އޮރިޖިނަލް ދެއްވާފަ އަނެއް އޮރިޖިނަލް ހިފައިގެން އެބޭފުޅާ ވަޑައިގަތޭ. މިއީ އަޅުގަނޑު ޚަތިމުގައި އަތްލައި މާތްﷲ ގަންދީ ހުވާކޮށް ދެއްކި ވާހަކައެއް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ފުލުސް އޮފީހަށް ވަދެވަަޑައިގަތުމަށްފަހު ހަސަން ލަތީފް އެތަނުން ބޭރަށް ނުކުމެވަޑައިގަންނަވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކަރެކްޝަނަލް ސާވިސްގެ ލިޔުމެއް ކަމަށް ބުނާ ލިޔުން ހިފައިގެން ޓައިއެއް އަޅައިގެން ހުރި މީހާ ޔާގުތުގެއަށް ވަތް ވީޑިއޯ ފްޓޭޖުތައް ރައީސް ނަޝީދުގެ އާއިލާ އިން ވަނީ މިރޭ ފުލުސް އޮފީހާ ހަވާލުކޮށްފަ އެވެ.

އެ ލިޔުމާ ގުޅޭގޮތުން ފުލުހުން ކުރާ ތަހުގީގުގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނަށް އެއްވެސް ތުހުމަތެއް ކޮށްފައިނުވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ގޭބަންދަށް ބަދަލު ކުރި ކަމުގެ ލިޔުމެއް ކަރެކްޝަނަލް ސާވިސް އިން އެމަނިކުފާނާ ހަވާލުނުކުރާ ކަމަށެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ، ރައީސް ނަޝީދު އެއްކޮށް ގޭ ބަންދުގައި ބެހެއްޓުމާ ގުޅޭ އެއްވެސް އެންގުމެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހޯމް މިނިސްޓްރީއަށް ވެސް އަދި ކަރެކްޝަނަލް ސާވިސް އަށް ވެސް އަންގަވާފައި ނުވާ ކަމަށެވެ.