25 Aug 2015, 22:39
މާލޭގެ ހުޅަނގު ފަރާތުގައި ގާއިމު ކުރާ އާޓިފީޝަލް ބީޗްގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދުގައި ހުންނަ ޒުވާނުންގެ މަރުކަޒުން ދެމުން އައި ޖިމްގެ ޚިދުމަތާއި ސެމީނާ ރޫމްގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.
ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު މުޙައްމަދު ސިނާން (ނާީި) ވިދާޅުވީ، ހުޅަނގު ފަރާތުގައި ގާއިމުކުރާ އާޓިފިޝަލް ބީޗްގެ މަސައްކަތް ފެށުމަށްޓައި، ކުރިން އެތަނުގައިހުރި ރެސްޓޯރެންޓެއް ކަމަށްވާ ވޯޓާ ގޭޓް ހިންގި އިމާރާތުން ފެށިގެން 60 ފޫޓް އެތެރެއަށް ހުސް ކުރަން ޖެހޭތީ އެދިމާލުގައި ހުންނަ ސޯޝަލް ސެންޓަރުގެ ޖިމާއި ސެމިނާރޫމްގެ ހިދުމަތް މެދު ކަނޑާލަން ޖެހޭނެ ކަމަށެވެ.
ނާނީ ވިދާޅުވީ އަވަސް މުއްދަތެއްގެ ތެރޭގައި ޖިމްގެ ޚިދުމަތް ދިނުމަށްޓަކައި ސޯޝަލް ސެންޓަރުގެ ގޯތި ތެރޭގައި ހުންނަ، ބައެއް އިންޑޯ ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަދާފައިވާ ހަރުގެ ހުންނަތަނުގައި ޖިމް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އިންޑޯ ބައެއް ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަދާފައި ހުންނަ ހަރުގެ ސަރަހައްދަކަށް ނާރާ. އެހެންވެ އަޅުގަނޑުމެން ނިންމާފައިވަނީ ޖިމް ހަރުގެ ހުންނަ ތަނުގައި ގާއިމު ކުރަން،" ނާނީ ވިދާޅުވިއެވެ.
ހަރުގެ ހުންނަ ތަނުގައި ޖިމެއް ގާއިމު ކުރާއިރު ޓީޓީ އެސޯސިއޭޝަންގެ އޮފީހާއި ޓީޓީ ޓޭބަލްތައް ހުންނަ ބަޔަށް އަސަރު ކުރާނެތޯ ސުވާލުކުރުމުން ނާނީ ވިދާޅުވީ "ޖިމް އެތަނުގައި ގާއިމު ކުރި ނަމަވެސް ޓީޓީ އެސޯސިއޭޝަންގެ އޮފީހާއި ޓީޓީ ކުޅޭތަނަކަށް އެއްވެސް އަސަރެއް ނުކުރާނެ" ކަމަށެވެ.
ނާނީ ވިދާޅުވީ، އަވަސް މުއްދަތެއްގައި ސެމީނާ ރޫމްގެ ހިދުމަތް ނުދެވުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ފުރިހަމަ ހިދުމަތްތަކާއެކު ސެމިނާ ރޫމެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މާފަންނު މަދަރުސާއާއި އެސްޓީއޯ ހެޑް އޮފީސް ހުންނަ އިމާރާތުގެ ދެމެދުގައި އޮންނަ ހުސްބިމުން ބައެއްގައި ސެމިނާ ރޫމަކާއި ސޯޝަލް ސެންޓަރުން ދޭ ބައެއް ޚިދުމަތްތައް ދިނުމަށް އެބިމުން ބައެއް ދިނުމަށް ހައުސިންގ މިނިސްޓްރީން ނިންމާފައިވާކަމަށެވެ.
ހައުސިންގ މިނިސްޓްރީން ވަނީ ސުނާމީ ބިނާވެސް ސޯޝަލް ސެންޓަރު ބިއްދޮށަށް ބަދަލުކުރާ ގޮތަށް ހަމަޖައްސާފައެވެ.