މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިން ޒުވާނުންނަށް ހާއްސަކޮށްގެން ޖަގަހައެއް ހުޅުވުމަށް ހަމަޖައްސާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީއޭ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޔޫތު ކައުންސިލުގެ ސެކްރެޓަރީ މުއާޒު ހަލީމް ވިދާޅުވީ، ޒުވާނުންނާ ގުޅުންހުރި އެކި ކުލަގަދަ ހަރަކާތްތަކާއެކު ބުރާސްފަތި ދުވަހުގެ ރޭ ހުޅުވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ޖަގަހަ ހުންނާނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކަމަށެވެ.

އެމްޑީއޭއިން ބުރާސްފަތި ދުވަހުގެރޭ ހުޅުވާ ޖަގަހަ އާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

އެމްޑީއޭ އަށް މެމްބަރުން އިތުރު ކުރުމަށްޓަކައި ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ހުޅުވޭ އެ ޖަގަހަ އަކީ ޒުވާނުންނަށް އެކި ގޮތްގޮތުން އެހީތެރިވެދޭނެ ޖަގަހައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީއޭ ޔޫތު ލީގުގެ ލީޑަރު އަހުމަދު ރީހާން ވިދާޅުވީ، އެމްޑީއޭ އިން ހުޅުވާ އެ ޖަގަހަކީ މިހާތަނަށް ސިޔާސީ އެއްވެސް ޕާޓީއަކުން ޒުވާނުންނަށްޓަކައި އެފަދަ މަސައްކަތްތަކެއް ކޮށްފައި ނުވާ ފެންވަރުގެ ޖަގަހައެއް ކަމަށެވެ.

އެމްޑީއޭއިން ބުރާސްފަތި ދުވަހުގެރޭ ހުޅުވާ ޖަގަހަ އާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

"ތަފާތު ކޮންސެޕްޓެއް"ގެ ގޮތުގައި ހުޅުވާ އެ ޖަގަހައިން ޒުވާނުންނަށް އެކި ގޮތްގޮތުން އެހީތެރި ވެދޭ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޑްރަގްސް ފަދަ ވަބާތަކުން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދިނުމާއި އެކި ކަންތަކުގައި އެހީތެރިވެ މުޖުތަމައަށް ނުކުތުމަށް އެ ޖަގަހައިގެ ތެރޭގައި މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރީހާން ވިދާޅުވީ އެ ޖަގަހައިގައި ހާއްސަ ލައިބްރަރީއެއް ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ކުޅިވަރު ކުރުމާއި އެފަދަ ގިނަ ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ހިދުމަތްތައްވެސް އެ ޖަގަހައިން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ، އެ ޕާޓީގެ ނަމްބަރުތައް އަރަމުން އަންނަ ކަމަށާއި ރައްޔިތުން ސިއްސުވާލާ ފަދަ އަދަދެއް ފެނިގެން ދާނެ ކަމަށެވެ. އެގޮތުން އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 25،000 މެމްބަރުން އެމްޑީއޭއަށް ސޮއިކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.