25 Aug 2015, 21:47
ސަރުކާރުގެ ބެލުމުގެ ދަށުން މަރުކަޒުތަކުގައި ދިރިއުޅޭ ކުޑަކުދީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރުނބާ މޯލްޑިވްސް އިން މިއަދު އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އާކްގެ އެމްބެސެޑަރޝިޕް ޕްރޮގްރާމްގައި ކުރުނބާއިން ބައިވެރިވެފައި ވަނީ، "ޗެމްޕިއަން އޮފް ޗައިލްޑް ރައިޓްސް އިންދަ މޯލްޑިވްސް"ގެ ފަންތީގައެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ ރިސޯޓުގެ ފަރާތުން އެއްބަސް ވުމުގައި ސޮއިކުރެއްވީ، އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޭސަން ކްރޫޒްއެވެ. އާކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޒެނީޝާ ޝަހީދު ޒަކީއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކުރުނބާ މޯލްޑިވްސްއަށް ޝުކުރުއަދާކުރައްވައި ޒެނީޝާ ވިދާޅުވީ، އާކްގެ ކޯޕަރޭޓް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ކުރުނބާ މޯލްޑިވްސް އިން ދޭ އެހީ ބޭނުންކުރާނީ، ސަރުކާރުގެ ބެލުމުގެ ދަށުގައި ކުޑަކުދީން ދިރިއުޅޭ މަރުކަޒުތަކުގައި އާކް އިން ހިންގާ ޝެލްޓާ ސަޕޯޓް ޕްރޮގްރާމްގައި ހިމެނޭ "އާރލީ ޗައިލްޑްހުޑް ޕްލޭ އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދެވަނަ ފިޔަވަހީގެ މަސައްތަކަށް ކަމަށެވެ.
ކުޑަކުދީން ދުޅަހެޔޮ ސިއްހަތެއްގައި ހެދިބޮޑުވުމަށާއި އެކުދީންގެ ތަރައްގީއަށް، ކުޅިވަރުގެ ތެރޭން އުނގެނުމުގެ މުހިއްމުކަން ދެނެގަނެ އާރލީ ޗައިލްޑްހުޑް، ޕްލޭއެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމް އެކުލަވާލައިފައި ވަނީ، 2014 ވަނަ އަހަރުގެ ޖޫންމަހުގައެވެ. އެ ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ، ކުދީންގެ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކުޅިވަރުގެ ބައިތައް ހިމެނުމަށެވެ.
އާކްގެ ކޯޕަރޭޓް އެމްބެސެޑަރޝިޕް ޕްރޮގްރާމަކީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި ވިޔަފާރިވެރީންނާއި އަމިއްލަ ފަރުދުންގެ ދައުރު ފުޅާކުރުމުގެ މަގްސަދުގައި 2013 ވަނަ އަހަރު އެޖަމިއްޔާއިން އިފްތިތާހުކުރި ޕްރޮގްރާމެކެވެ.