ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވީ އެންމެ އަވަހަކަށް ދޫކޮށްލުމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން މިއަދު ގޮވާލައްވައިފި އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ޒައިދު ރައާދި އަލް ހުސައިންއާ ހަވާލާދީ، ޔޫއެން ނިއުސް ސެންޓަރުން މިއަދު ބުނީ ނަޝީދުގެ އިތުރަށް މުޒާހަރާތަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލާފައިވާ އެތައް ސަތޭކަ ބައެއްގެ ދައުވާ ވެސް މުރާޖާ ކުރުމަށް ގޮވާލާ ކަމަށެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ ނަޝީދު އަނބުރާ ޖަލަށް ބަދަލު ކުރުމުން ނިހާޔަތަށް ކަންބޮޑުވާ ކަމަށާއި އަދި އެއީ "ސެޓް ބެކެއް" ކަމަށެވެ.

"ސަރުކާރުން ނަޝީދު ގެއަށް ބަދަލުކުރުމަށް ކުރިން ނިންމި ނިންމުމަކީ އަހަރުން ހިތްވަރު ދިން ނިންމުމެއް." ނަމަވެސް އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ ނަޝީދު ކުއްލި ގޮތަކަށް އާދިއްތަ ދުވަހުގެ ރޭ މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ނަޝީދު އަނބުރާ ޖަލަށް ގެންދިޔަ ރޭ ނަޝީދުގެ ސަޕޯޓަރުން ނަޝީދު އުޅުއްވާ ގެދޮށަށް އެއްވެ ހިތްވަރު ދިނުމަށް ތިއްބައި ޕެޕާ ސްޕްރޭ ވެސް ޖަހާފައިވާ ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ ރަސްމީ ފަރާތްތަކާ ވާހަކަ ދެއްކުމަށް ވޭތުވެ ދިޔަ މަހު ދެ މިޝަން ރާއްޖެ ފޮނުވި ކަމަށާއި އަދި އެ މިޝަންތަކުން ނަޝީދު ޖަލުގައި ހުންނަވަނިކޮށާއި ގޭ ބަންދުގައި ހުންނަވަނިކޮށް ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ހައްލެއް ހޯދުމަށް ވާހަކަ ދެއްކުމުގެ މަރުހަލާގެ ތެރޭގައި ވަނިކޮށް ނަޝީދު އަނބުރާ ޖަލަށް ގެންދިއުމަކީ ސިޔާސީ ހައްލެއް ހޯދުމަށް ކުރުމުން އައި މަސައްކަތް ފަހަތަށް ދިއުމެއް ކަމަށެވެ.