25 Aug 2015, 20:07
އަމިއްލަ ބޭސްފިހާރައެއް ކަމަށްވާ އީވް ފާމަސީއަށް، އާސަންދަ ސްކީމްގެ ދަށުން ބޭސް ވިއްކުމާއި އާސަންދައާ ގުޅުންހުރި އެއްވެސް މުއާމަލާތެއް ކުރުން ވަގުތީގޮތުން މަނާކޮށްފި އެވެ.
އާސަންދަ ކޮމްޕެނީ ލިމިޓެޑުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން އީވް ކްލިނިކާ ގުޅުންހުރި ތަހުގީގެއް ކުރިއަށް ގެންދާތީ، "އީވް ފާމަސީން މިވަގުތު ދެމުން އަންނަ ސްކީމްގެ ޚިދުމަތް ވަނީ މިއަދުން ފެށިގެން ވަގުތީގޮތުން ސަސްޕެންޑް ކުރެވިފައި،" ކަމަށެވެ.
ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގާއިމްކޮށްފައިވާ އާސަންދަ ސްކީމްގެ ހިދުމަތް މިއަދުން ފެށިގެން އީވް ފާމަސީން ނުލިބޭނެ ކަމަށާއި އަދި އޭގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނޭ އެންމެހާ ދަތިތަކަށް މާފަަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އާސަންދަ އަކީ ދިވެހިންގެ ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި ސަރުކާރުން އެކުލަވައިލާފައިވާ ހެލްތް އިންޝުއަރެންސް ސްކީމެކެވެ. ސައްހަ އައިޑީ ކާޑެއް އޮތް ކޮންމެ ދިވެހި ރައްޔިތަކަށް މި ސްކީމްގެ ދަށުން، ބޭސްފަރުވާ ހޯދުމުގެ ފުރުޞަތު ލިބޭނެއެވެ.
އާސަންދަ އިންޝުއަރެންސް ސްކީމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޖުމުލަ 155 ފާމަސީއެއް ރަޖިސްޓްރީކޮށްފައި ވެއެވެ. އެއީ މާލޭގައި 21 ފާމަސީއަކާއި އަތޮޅުތެރޭގައި 134 ފާމަސީއެކެވެ.