25 Aug 2015, 18:43
ވެލާތަކެއް ފަޅައިގެން ތެޔޮކުނޑި ހާނަންތިބި ބަޔަކު ލ. އަތޮޅުގެ ފަޅުރަށަކުން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 12 ދިވެހި ފިރިހެނުންނާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ލ. މާމެންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 11:30 އެހާކަންހާއިރު އެމީހުން ހައްޔަރުކުރީ ލ. އޮޅަތޮޅަ ކިޔާ ފަޅުރަށެއްގައި ވެލާ ފަޅައި އެއިން ތެޔޮކުނޑި ހާނަން ތިއްބައި ކަމަށެވެ.. އެމީހުން ތިބި ސަރަހައްދުން ތިން ވެލައެއްގެ ތޮށިގަނޑާއި ގިނަ އަދަދެއްގެ ވެލާ ބިހާއި ވެލާ މަސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ލ. މާމެންދޫ ޕޮލިސް ސްޓޭޝަނާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ވެލައަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނޫ ގެ ހަތަރު ވަނަ މާއްދާގެ ދަށުން ތިމާވެއްޓާބެހޭ ވުޒާރާއަށް ލިބޭ ބާރުގެ ދަށުން ހިމާޔަތްކޮށްފައިވާ އެއްޗެކެވެ.