25 Aug 2015, 18:28
އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފުރަތަމަ ރައީސާކަން ކުރެއްވި އަދި ފަހުން ޖޭޕީގެ އަންހެނުންގެ ލީގުގެ ރައީސާގެ މަގާމުގައި ހުންނެވި ސިޔާމާ އަހުމަދު އެމްޑީއޭ އަށް ގުޅިވަޑައިގެންފި އެވެ. އޭނާ އެމްޑީއޭ އަށް ގުޅިވަޑައިގެންނެވީ، މެންބަރުން އިތުރު ކުރުމަށް ޕާޓީގެ އަންހެނުންގެ މަޖިލީހުގެ ފަރާތުން ކުރިޔަށް ގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު އެވެ.
ސިޔާމާ އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ ސަން ޓްރެވެލްސްގަ އެވެ. މި ރަސްމިއްޔާތުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު އަދި އެމްޑީއޭގެ އަންހެނުންގެ މަޖިލީހުގެ ރައީސާ ނަޒީރާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ފަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމާ ވިދާޅުވީ އެމްޑީއޭއާ ގުޅިވަޑައިގެންނެވި މައިގަނޑު ސަބަބަކީ އިޖުތިމާއީ ވިސްނުމެއްގެ ތެރެއިން ޒުވާނުންނާއި އަންހެނުން ބާރުވެރިކޮށްގެން ގައުމީ ތަރައްގީގެ މަގަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީއޭ ކަމަށް ވާތީ ކަމަށެވެ. އެ ގޮތުން ގައުމުގައި މިހާރު ވީދި ކުދިކުދި ވެފައި އޮތް އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށް އެމްޑީއޭގެ ވިސްނުން ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީއޭ އަށް ސޮއިކުރެއްވުމަށް ފަހު ސިޔާމާ ޕާޓީގެ ލީޑަރަށް މެމްބަރުޝިޕް ފޯމު ހަވާލުކުރައްވަނީ --- ސަން ފޮޓޯ
"އަޅުގަނޑަށް އެމްޑީޕީ އަދި ޖޭޕީގައި އަންހެނުންގެ މަޖިލިސްތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރެވިއްޖެ. ނުކުތް ނަތީޖާއެއް ނެތް. އެހެން ނަމަވެސް އެމްޑީއޭ ފެންނަނީ ނަތީޖާ ނެރޭ ޕާޓީއެއްގެ ގޮތުގަ. ޚިޔާލު ތަފާތުވުންތައް ކުޑަ، ޒުވާން ޓީމެއް އެމްޑީއޭގައި މި އޮތީ،" ސިޔާމާ ވިދާޅުވި އެވެ.
ސިޔާމާ އަކީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބަށި ތަރައްގީ ކުރެވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން ބަށި މުބާރާތްތައް ރާވައި ހިންގެވުމާއި އެ ކުޅިވަރަށް ބޭނުންވާ ތަމްރީނު ހިންގުން ސިޔާމާގެ އިޖުތިމާއީ ޚުދުމަތުގެ ތެރެއިން ފާހަގަކުރެވެ އެވެ. އޭނާ އަކީ ބަށިބޯލް ފައުންޑޭޝަން އޮފް މޯލްޑިވްސް ގެ ރައީސާ އެވެ.
ސިޔާމާ ސޮއި ކުރެއްވުމަށް މިއަދު އޮތް ޚާއްސަ ރަސްމިއްޔާތުގައި އިތުރު އަންހެން ބޭފުޅުންތަކެއް ވެސް ވަނީ އެމްޑީއޭ އަށް އަލަށް ގުޅިވަޑައިގެންފަ އެވެ.