14 Mar 2011, 17:59
މާލެ، ހުޅުމާލެ، އަދި ހުޅުލެ ހިމެނޭ ސަރަހައްދުތަކުން ދަތުރުކުރާ އުޅަނދުތައް، ދަތުރުކުރުމަށް ކަނޑައަޅާފައިވާ "ޓްރެފިކް ސެޕަރޭޝަން ސްކީމް" އަށް މާދަމާ އިން ފެށިގެން އަމަލް ކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި ޓްރެފިކް ސެޕަރޭޝަން ސްކީމަށް އަމަލްކުރާއިރު ހުޅުލެއަށް ވަދެވޭ ގޮތަށް ހަމަޖައްސާފައި ވަނީ ހުޅުލޭގެ އުތުރު ނެރުންނާއި ހުޅުލޭގެ ދެކުނު ނެރުން ކަމަށެވެ. އަދި ހުޅުލޭގެ މެދު ނެރު ބޭނުންކުރަން ހަމަޖެހިފައި ވަނީ ހުޅުލޭ ފަޅުން ނިކުންނަ ހުރިހާ އުޅަނދު ފަހަރުތައް ނުކުތުމަށް ކަމަށެވެ.
އަދި ހުޅުލޭގެ ދެކުނު ނެރުން ސައިޒުގެ ގޮތުންނާއި ފުންމިނުގެ ގޮތުން ވަނުމަށް ނުކުޅެދޭ އުޅަނދު ފަހަރު ހުޅުލެއަށް ވަނުމަށް ބޭނުންކުރަން ވާނީ ހުޅުލޭގެ އުތުރު ނެރު ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.
މާލޭ ދެކުނުން ޤާދޫކޮލުން ވަދެގެން ހުޅެލެ އަށް ވަނުމަށް ދާ ބޮޑެތި އުޅަނދުފަހަރުތައް ޓްރެފިކް ސެޕަރޭޝަން ޒޯންގެ 90 ޑިގްރީ އެންގަލުން ޓްރެފިކް ހުރި ގޮތް ބެލުމަށް ފަހު ހުރަސްކޮށް ގޮސް ހުޅުލޭގެ އުތުރު ނެރުން ވަނުމަށް ވެސް އެ އެތޯރިޓީން ވަނީ އިލްތިމާކޮށްފަ އެވެ.
މި ޓްރެފިކް ސެޕަރޭޝަން ސްކީމަށް މާލެ އާއި ހުޅުލެއާއި ހުޅުމާލެ ހިމެނޭ ސަރަހައްދުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް އަމަލް ކުރުމަށާއި އަދި އެސްކީމްގައި ކަނޑައަޅާފައިވާ ގޮތަށް އަމަލުކުރަމުން ގެންދިއުމަށް އުޅަނދު ފަހަރުތަކުގެ ކެޕްޓަނުންނަށް ޓްރާންސްޕޯޓް އެތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.