25 Aug 2015, 19:04
ސަރުކާރާ އެކު އިތުރަށް މަޝްވަރާ ނުކުރަން އެމްޑީޕީން ނިންމިއިރު، މިހާތަނަށް ކުރެވުނު މަޝްވަރާތަކުން އެއްވެސް ކަމެއްގައި އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް އެ ޕާޓީގެ ފަރާތުން މަޝްވަރާގައި ބައިވެރިވި މަންދޫބު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ، އެންމެ ފަހުން ބޭއްވި މަޝްވަރާ ބައްދަލުވަށްފަހު އިބޫ ވާހަކަފުޅު ދެއްކެވީ ނޫސްވެރިންގެ ކުރިމަތީގައި ކަމަށެވެ.
މުއާޒު ވިދާޅުވީ، ރާއްޖޭގެ މީޑިއާތަކުގައި އިބޫ ދެއްކެވި ވާހަކަތަކުގެ ރެކޯޑިން ހުންނާނެ ކަމަށާއި އެއްވެސް ކަމެއްގައި އެމްޑީޕީ އާއި ސަރުކާރާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށް ވަރަށް ސާފުކޮށް އިބޫ ވިދާޅުވެފައިވާ ކަމަށެވެ.
"ތިބޭފުޅުން އަތުގައި ހުންނާނެ ރެކޯޑިން އިބްރާހީމް މުހައްމަދު ސޯލިހު އޮންނާނެ ވިދާޅުވެފަ އަދި އެއްވެސް ކަމެއްގައި ވަކި ނިމުމަކާ ހަމައަށް ނާދޭ. މަޝްވަރާއެއްގަ އެއްވެސް ކަމެއް ނިމުމަކާ ހަމައަށް ނާދޭ. މިހެން އޮންނާނެ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފަ،" މުއާޒު ވިދާޅުވިއެވެ.
ސަރުކާރާ އެކު އިތުރަށް މަޝްވަރާ ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމިކަން ރައީސް އޮފީހަށް އެނގުނީ މީޑިއާ އިން ކަމަށާއި އެފަދަ ނިންމުމެއް ނިންމި ކަން އެ ޕާޓީން އަންގާފައިނުވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްނެންގެވުމަކަށް މަޝްވަރާ ކުރުމަށް ސިޔާސީ ޕާޓީތަކަށް އެރުވި ދައުވަތު އަދިވެސް އޮތީ އެގޮތުގައި ކަމަށެވެ.
ސަރުކާރު އޮތީ މަޝްވަރާ ކުރަން ތައްޔާރަށް ކުރިއެކޭ ވެސް އެއްގޮތަށް. އެކަމަށް އެއްވެސް ބަދަލެއް ނާދޭއިބްރާހީމް މުއާޒު އަލީ
ސަރުކާރާއެކު އިތުރަށް މަޝްވަރާ ނުކުރަން އެމްޑީޕީން ނިންމި ނިންމުމަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީން ވަރަށް ބޮޑަށް ރައްޔިތުންގެ ކުރިއެރުމާ ލާބަޔާ މަންފާއާ ގައުމުގެ ތަރައްގީއާ، މިކަންކަމުން ބަރީއަވުމަށް ކޮންމެވެސް ބަހަނާއެއް ސަރުކާރުގެ ބޮލުގައި މަތިކުރުމަށްފަހު މިކަމުން ބަރީއަވެގަތުން ކަމަށް ސަރުކާރުން ދެކެނީ،" މުއާޒް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ރައީސް ޔާމީން މަޝްވަރާގެ ދައުވަތު ދެއްވީ ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށާއި ވަކި ފަރުދެއްގެ މަސްލަހަތު ހިމާޔަތް ކުރަން ސަރުކާރުން ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.
"ސަރުކާރުން މި ހުށަހެޅީ ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ވަކި ފަރުދެއްގެ މަސްލަހަތު ހިމާޔަތް ކުރާކަށް ސަރުކާރުން ނޫޅޭ. ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތް މަޝްވަރާތައް ފެށިއިރެކޭ މިހާރެކޭ ތަފާތެއް ނެތް. އޭރުގަ ވެސް ހުކުމެއް ތަންފީޒުކުރާ ފަރާތެއް ހުރިނަމަ މިހާރުވެސް އެގެންދަވަނީ ހުކުމެއް ތަންފީޒު ކުރަމުން،" މުއާޒު ވިދާޅުވިއެވެ.