އަންކަރާ (އޮގަސްޓް 25): ތުރުކީގައި އަލުން އިންތިޚާބެއް ބާއްވަން ނިންމައި އެކަމަށް ތައްޔާރުވުމުގެ ގޮތުން ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، މިހާރުގެ ބޮޑުވަޒީރު އަހްމަދު ދާއޫދު އޮގްލޯއާ ހަވާލު ކުރައްވައިފިއެވެ.

އޮގްލޯއަކީ ތުރުކީގައި ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ޒައީމެވެ. މިކަމަށްޓަކައި އުރުދުޣާންވަނީ މިއަދު ހެނދުނު އޭނާގެ ރިޔާސީ ގަނޑުވަރުގައި އޮގްލޯއާ ބައްދަލުކުރައްވާފައެވެ.

މިދިޔަ ޖޫން މަހުގެ ފަހުކޮޅު ތުރުކީގައި ބޭއްވި އިންތިޚާބުގައި އުރުދުޣާންގެ ޖަސްޓިސް ޕާޓީ އެންމެ ކުރީގައި އޮތްނަމަވެސް އެޕާޓީއަށްވަނީ ފުރަތަމަ ފަހަރަށް އެގައުމުގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ގެއްލިފައެވެ. މިއާއެކު ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް އެޕާޓީން ކުރި މަސައްކަތްވަނީ ނާކާމިޔާބު ވެފައެވެ.

ތުރުކީގެ ގާނޫނުއަސާސީ ބުނާގޮތުން އިންތިޚާބުގެ ނަތީޖާ އިޢުލާންކުރާތާ ދެމަސް ނުވަނީސް އައު ސަރުކާރެއް އެކުލަވާލަންވާނެއެވެ. ނޫނީ އަލުން އާންމު އިންތިޚާބެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެކަން އިޢުލާން ކުރައްވަން ވާނެއެވެ. އެހެންކަމުން ރައީސް އުރުދުޣާން މިއަދުވަނީ އަލުން އިންތިޚާބެއް ބާއްވަން ނިންމައި އެކަމަށް ތައްޔާރުވުމުގެ ގޮތުން ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ބޮޑުވަޒީރުކަމުގެ ގާއިމް މަގާމުގައި ހުންނެވި އޮގްލޯއާ ހަވާލުކުރައްވާފައެވެ.

ފާއިތުވި ބާރަވަރަކަށް އަހަރުތެރޭގައި ތުރުކީގެ ސިޔާސީ މަސްރަހުގައި އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ޕާޓީއަކީ މި މުއްދަތުގެ ތެރޭގައި އެގައުމުގައި ވެރިކަންކުރަމުން ގެންދާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީއެވެ. ނަމަވެސް އެޕާޓީގެ ތާއީދުވެސް ރައްޔިތުންގެ މެދުގައި ކުޑަވެގެންދިޔަކަން އެންމެފަހުން ބޭއްވި އާންމު އިންތިޚާބުންވަނީ ހާމަވެގެން ގޮސްފައެވެ. މިގޮތަށް ދިމާވީ އެޕާޓީގެ ޒައާމަތު އަހްމަދު ދާއޫދު އޮގްލޯއާ ހަވާލު ކުރެއްވުމަށްފަހު ތުރުކީގެ ކުރީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ތުރުކީގެ ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމާ ގުޅިގެން ޕާޓީ ރަނގަޅަށް ނުހިންގި އަދި ކުރަންވާވަރަށް ކޭންޕޭން ނުކުރެވިގެން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ތުރުކީގައި ބާއްވާ އާންމު އިންތިޚާބުތަކުގައި އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ނުލިބުމުގެ މައްސަލަ އެންމެފަހުން އެގައުމަށް ކުރިމަތިވީ 1990 ގެ އަހަރުތަކުގައެވެ. އެދުވަސްވަރު މިމައްސަލަ ބޮޑުވެ ތުރުކީގައި ކޯލިޝަން ސަރުކާރުތައް އުފައްދައި ކުރުމުއްދަތެއްގެ ތެރޭގައި އެ ސަރުކާރުތައް ރޫޅިގެން ދިޔުމުގެ ސަބަބުން ގައުމު ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓި ތަރައްގީގެ ހަރަކާތްތަކަށާއި ހިންގުމުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރައިގެން ގޮސްފައިވެއެވެ.

މިހާލަތު އަލުން ތަކުރާރުވުމުގެ ބިރު ތުރުކީއަށް މިހާރު ކުރިމަތިވެފައިވާއިރު ތުރުކީގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް އުރުދުޣާން ގެންގުޅުއްވާ ވިސްނުންފުޅުވެސްވަނީ އޭނާގެ ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުމުން ތަންފީޒު ކުރެވޭނެ ގޮތް ނުވެފައެވެ.

ތުރުކީގެ އިދިކޮޅު ޕާޓީތައް ބުނާގޮތުން އުރުދުޣާން އަލުން އިންތިޚާބަކަށް ދިޔުމަށް ނިންމެވީ އެކަމުގެ ސަބަބުން އޭނާގެ ޕާޓީއަށް އަޣްލަބިއްޔަތު ލިބޭނެކަމުގެ ޔަގީންކަމާއެކުގައެވެ.

ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓި ކޯލިޝަން ސަރުކާރުތައް ރޫޅި އިރުއިރުކޮޅާ އިންތިޚާބުތައް ބާއްވަންޖެހުމަށްވުރެ އުރުދުޣާންގެ ޖަސްޓިސްޕާޓީއަށް އަލުން އަޣްލަބިއްޔަތު ދިނުން ރަނގަޅުވާނެތީ މިފަހަރުގެ އިންތިޚާބުގައި ތުރުކީގެ ރައްޔިތުން ޖަސްޓިސް ޕާޓީއަށް އަޣްލަބިއްޔަތު ދޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދެކެއެވެ.

ޖަސްޓިސްޕާޓީއާއެކު ކޯލިޝަން ސަރުކާރެއް ހެދުމަށް އިދިކޮޅު ޕާޓީތަކުން އެއްބަސްނުވީ ޖަސްޓިސް ޕާޓީން ހުށަހެޅި ހަރުކަށި ޝަރުތުތަކުގެ ސަބަބުން ކަމަށާއި މިއީ އިންތިޚާބަކަށް ދިޔުމުގެ ފުރްސަތު ހޯދުމުގެ ގޮތުން ޖަސްޓިސް ޕާޓީން ގަސްދުގައި ކުރިކަމެއްކަމަށްވެސް އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ. (ނޫސްއެޖެންސީތައް)