ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

މިއަދު އޮތް އެ ކޮމެޓީގެ ބައްދަލުވުމުގައި އެ ގޮތަށް ބިލު ފާސްކުރީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލައްބިއްޔަތުން ނެވެ. މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި ބިލާ ގުޅޭ ގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.

ބިލަށް ބައެއް ބަދަލުތައް ގެނެސްފައިވާ އިރު އިދިކޮޅު އެމްޑީޕީ އިން ބިލަށް ހުށަހެޅި އެއްވެސް އިސްލާހެއް ފާހެއް ނުވެ އެވެ.

ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ވިދާޅުވީ އެ ބިލު ހުށަހެޅުއްވީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އުސޫލުތައް ކަނޑައެޅުމާއި އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމާ ބެހޭ ކަންކަން ތަންޒީމު ކުރަން ކޮމިޝަނެއް އުފެއްދުމަށް ކަމަށެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނަށް ރައީސަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ކޮމިޝަނުގެ ނައިބު ރައީސަކު އައްޔަންކުރައްވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ބިލިގައި ބުނެފައިވެ އެވެ.

ނޭޝަނަލް އިންޓަގުރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ އެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓުމަންޓު އޮފް އިމިގުރޭޝަން އެންޑު އެމިގުރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.

ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރަ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލާ ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.