މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ސްކޯލާޝިޕް ސުކީމްގެ ދަށުން މަތީ ތައުލީމު ހާސިލް ކުރި ދެ ވަނަ ބެޗުގެ 12 ދަރިވަރުންތަކުގެ ކޯސްތައް ނިންމުމަށް ފަހު ރާއްޖެ އަތުވެއްޖެ އެވެ.

މި އަހަރުގެ ޖޫން މަހުގައި 12 ދަރިވަރަކު ފުރަތަމަ ޑިގްރީ ހާސިލްކޮށްގެން މާލެ އައިސްފައިވާ އިރު އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ދަރިވަރުންނާ އެމްއޭސީއެލްގެ ސީނިއާ މެނޭޖްމެންޓް ވަނީ ބައްދަލު ކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ޑިގްރީ ފުރިހަމަކޮށް ރާއްޖެ އައި ހުރިހާ ދަރިވަރުންނަށް ވެސް އެ ކުންފުނިން ވަޒީފާގެ ފުރުސަތު އޮތް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ލޯން ސުކީމުގެ ދަށުން ސްކޯލާޝިޕް އަށް ކިޔެވި ކުދިންތަކުގެ ތެރެއިން ހަތް ކުއްޖަކު މިހާރު ވެސް އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުވާލާފައިވާ ލޯން ސުކީމް ޕްރޮގްރާމްގައި މިހާރު ޖުމްލަ 21 ދަރިވަރަކު ވަނީ ހާސިލްކޮށްފަ އެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު ނުވަ ދަރިވަރަކު ވަނީ ބެޗެލާސް ޑިގްރީ ހާސިލްކޮށްފަ އެވެ.

އެ ސުކީމްގެ ދަށުން ރާއްޖޭގެ ބޭރު ޔުނިވާސިޓީއަކުން ކޮންމެ އަހަރަކު 10 ދަރިވަރަކަށް ފުލް ސްކޯލާޝިޕް ދެމުން އަންނަ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.