25 Aug 2015, 16:37
ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ އޮތް އަށް އެއްމެ ބޮޑު އެއް ގޮންޖެހުމަކީ ކުނީގެ މައްސަލަ ކަމަށް ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައި ވަނީ ޔޫއެންޑީޕީގެ މެންގްރޯވްސް ފޮ ފިއުޗާ ޕްރޮގްރާމްގެ ދަށުން އއ. އުކުޅަހުގައި ގއ. އަދި ގދ. އަތޮޅުގެ ކައުންސިލަރުންނާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ އިސްބޭފުޅުނަށް ބޭއްވި ތިން ދުވަހުގެ ވޯކްޝޮޕާއި ބެހޭ ގޮތުން ނެރުނު ބަޔާނެއްގަ އެވެ.
ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް އުފެދިފަ އޮންނަ ގޮތުން އެއް ރަށުން އަނެއް ރަށަށް ކުނި ގެންދިއުމަކީ ވަރަށް ޚަރަދު ބޮޑު އަދި ދަތި އުދަގޫ ކަމެއް ކަަމަށް ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުން ބުންޏެވެ. މި ސަބަބާއި ހެދި ރަށްރަށުގައި ކުނި ނައްތާލަމުން ދަނީ މޫދަށް ކުނިއެޅުން ކަހަލަ ތިމާވެށްޓަށް ގެއްލުން ހުރި ގޮތަށް ކަމަށް އެ އޮފީހުން ބުންޏެވެ.

އދ. އިން ބޭއްވި ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ: ރާއްޖޭގަ ހުންނަ އދ. ގެ އޮފީސް
އުކުޅަހުގައި މިދިޔަ ހޮނިހިރު ދުވަހު ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ދިޔަ ވޯކްޝޮޕްގައި ވަނީ ކުނިނައްތާލާނެ ގޮތްތަކާއި ބެހޭ މައުލޫމާތު ދީފަ އެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި އުކުޅަހު ކައުންސިލާއި ޖަޕާނުގެ ޖަމްއިއްޔާ އަކުން ވަނީ ތިމާވެށްޓާއި ރައްޓެހި ކުނިނައްތާލާ ނިޒާމާ ބެހޭ ގޮތުން ވޯކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދީފަ އެވެ. އަދި ބައިވެރިން ވަނީ ކުނި މެނޭޖްކުރުމަށް އުކުޅަހުން ކުރާ މަސައްކަތްތައް ބަލާފަ އެވެ.
އުކުޅަހުގައި ކުނި ނައްތާލާ ނިޒާމަކީ އެހެން ރަށްތަކަށް މިސާލެއް ކަމަށާއި އެ ވޯކްޝޮޕްގެ ސަބަބުން ގއ. އަދި ގދ. ރަށްތަކުން ވެސް އެފަދަ ނިޒާމެއް ގާއިމުކުރާނެ ކަމށް އުއްމީދުކުރާ ކަަމަށް އެ އޮފީހުން ބުންޏެވެ.

އދ. އިން ބޭއްވި ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ: ރާއްޖޭގަ ހުންނަ އދ. ގެ އޮފީސް
އެ ވޯކްޝޮޕްގައި މީހުން ބައިވެރިވި ގއ. ގެ ރަށްތަކުގެ ތެރޭގައި ވިލިގިލި، ގެމަނަފުށި، ދެއްވަދޫ އަދި ދާންދޫ ހިމެނެ އެވެ.
ގދ. އިން ބައިވެރިވި ރަށްތަކުގެ ތެރޭގައި ތިނަދޫ، ގައްދޫ، ފަރެސްމާތޮޑ،ާ މަޑަވެލި، އަދި ވާދޫ ހިމެނެ އެވެ.