އިންޑިއާ ކަނޑުގައިވާ ޖަޒީރާ ގައުމުތަކުގެ މެދުގައި ޖަމާއަތެއް އުފައްދައި، އެކުގައި މަސައްކަތްކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މޮރިޝަސްގެ ގައުމީ ދުވަހުގެ ރަސްމީ އިހްތިފާލުތަކުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވުމަށް އެގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން ރަސްމީ ފާލަމުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ ކަނޑުގައިވާ ޖަޒީރާ ރަށްތައް ގުޅިގެން ކުރެވެން ހުރި ކަންތައްތައް ވަރަށް ގިނަ ކަމަށެވެ.

"ސީޝެލްސް އާއި ރިޔޫނިއަން އާއި ކޮމޯރޯސް އާއި މޮރިޝަސް އާއި އަދި މަޑަގަސްކަރަ އާއި ސްރީ ލަންކާ އާއި އަޅުގަނޑުމެން ހުރިހާ ގައުމުތަކަށް އެކުގައި އިންޑިއާ ކަނޑުގެ ވަރަށް ގިނަ ކަންކަން ކުރެވެން އެބައޮތް. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދާނަން އިންޑިއާ ކަނޑުގެ ކޮމިއުނިޓީއެއް ނުވަތަ މުޖުތަމައެއް އުފައްދައި އަޅުގަނޑުމެންނަށް އެކީގައި އެ ކަނޑުގެ ތެރޭގައި މި ޖަޒީރާ ގައުމުތަކަށް އުޅެވޭނެ ގޮތެއް ހޯދަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ގައުމުތަކުގެ މެދުގައި ތައުލީމީ ރޮނގުން މަސައްކަތްކަތްކޮށް، ވިޔަފާރީގެ ގުޅުންތައް ކުރިއެރުވެން އެބަ އޮތް ކަމަށާއި އަދި މި ސަރަހައްދުގެ ކޯސްޓްގާޑެއް ބިނާކުރެވެން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު މޮރިޝަސްއަށް ކުރެއްވި ދަތުރުގުޅުގައި، އެގައުމުގައި ދޭ އެންމެ މަތީ ޝަރަފް ކަމުގައިވާ "ގްރޭންޑް ކޮމާންޑާ އޮފް ދި އޯޑާ އޮފް ދަ ސްޓާ އެންޑް ކީ އޮފް ދި އިންޑިއަން އޯޝަން" (ޖީސީއެސްކޭ) އެމަނިކުފާނަށް ވަނީ އަރުވައިފަ އެވެ.

"ދިވެހިރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް މިއީ މޮރިޝަސް ދައުލަތުގެ އެންމެ މަތީ އިއްޒަތް އަޅުގަނޑުމެންނަށް ލިބުނުކަން." ރައީސް ވިދާޅުވި އެވެ. އަދި ދަތުރުފުޅުން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ތަޖުރިބާތަކުން ރާއްޖެ އަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.