އިސްލާމީ ގައުމަކަށް ނިސްބަތްވާ ބަޔަކު ޖިހާދު ކުރުމުގެ ނަމުގައި ހަމަނުޖެހުން ހިނގަމުންދާ އިސްލާމީ ގައުމަކަށް ދިއުމަކީ މުސްލިމުންގެ ދުޝްމަނުންގެ ކުރިމަތީގައި އިސްލާމީ ގައުމުތަކުގެ ކަންތައްތަކާ ބެހުމަށް ދޮރުހުޅުވިގެންދާނެ ކަމެއް ކަމަށް އިސްލާމީ ފިގުހު އެކަޑަމީން ބުނެފި އެވެ.

ދާހިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ގައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިޔުމުގެ ހުކުމާ ބެހޭ ގޮތުން އިސްލާމީ ބޮޑެތި އިލްމުވެރިންނާ ހަވާލާދެއްވައި އިސްލާމީ ފިގުހު އެކަޑަމީން ނެރުއްވި ފަތުވާގައި ބުނެފައި ވަނީ ސޫރިޔާ ފަދަ ބައެއް އިސްލާމީ ގައުމުތަކުގެ ހާލަތަށް ބަލާއިރު ޖިހާދު ޢައިނިއްޔަ ފަރުޟަކަށް ނުވާ ކަމަށެވެ.

މުސްލިމު ގައުމުތަކަށް ޖިހާދަށް ދިއުން ކިފާޔަތުގެ ފަރުޟެއް ކަމަށް ބަލައިފި ނަމަވެސް ޖިހާދަށް ދެވޭނީ ޝަރުތުތަކަކާ އެކު ކަމަށް ފިގުހި އެކަޑަމީން މިއަދު ނެރުނު ފަތުވާގައި ވަނީ ބުނެފަ އެވެ. އެގޮތުން ވަލިއްޔުލް އަމުރު (ގައުމުގެ އެންމެ މަތީވެރިޔާ)ގެ ހުއްދަ ބޭނުންވާނެ ކަމަށް އެފަތުވާގައި ބުނެފައިވެ އެވެ.

  • ޖިހާދަށް ދެވޭނީ ވަލިއްޔުލްއަމްރު ހުއްދަ ދިނުމުން

  • ޖިހާދަށް ދެވޭނީ މައިން ބަފައިންގެ ހުއްދަ ލިބިގެން

ދާހިލީ ހަނގުރާމަ ހިނގަމުންދާ ސޫރިޔާ ފަދަ ގައުމުތަކުގައި ޖިހާދު ކުރަން ބޭނުންވާ އެ ގައުމުގެ ޒުވާނުން ތިބިކަން ފާހަގަކޮށް، ފަތުވާގައި ބުނެފައި ވަނީ އެގަމުތަގު މީހުން އެދެނީ އެމީހުންނަށް ޓަކައި ހެޔޮދުއާ ކޮށްދިނުން ކަމަށެވެ.

"މިއަދު ހާލަތު އޮތް ގޮތުން އިތުރު ބަޔަކު އެމީހުންގެ ގާތަށް ދިޔުމަކަށް އެމީހުންނެއް ނޭދެ އެވެ. އެކަމުގައި އެމީހުންނަށް ތަހައްމުލު ކުރަން ޖެހޭ ދަތި ބުރަތަކެއް ހުރީމަ އެވެ." ފިގުހު އެކަޑަމީގެ ފަތުވާގައި ބުނެފައިވެ އެވެ.

އިސްލާމީ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަމަނުޖެހުންތަކަކީ އިސްލާމީ ގައުމުތަކާ ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުއާމަރާތުތަކެއްގެ ބޮޅުތަކެއް ތެރެއިން ބޮޅެއް ކަމަށް ފަތުވާގައި ވަނީ ބުނެފަ އެވެ.

ކީރިތި ރަސޫލާގެ ހަދީސްތަކާއި އިސްލާމީ އިލްމުވެރިންގެ ބަސްތަކަށް ރިއާޔަތްކުރައްވައި ފަތުވާގައި ބުނެފައި ވަނީ އިސްލާމީ ގައުމުތަކަށް ޖިހާދަށް ދިއުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ.