ށ. ފުނަދޫގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 10 އަހަރަށް ޖަލަށްލުމަށް އެރަށު ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި 10 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ އެރަށު ނަސީމީގެ މުހައްމަދު ރީޝާންގެ މައްޗަށެޗެ.

ފުނަދޫ ކޯޓުގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ރީޝާންގެ މައްޗަށް އެ ކުށް ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ރީޝާން ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތްތަކާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ) ގައި ވަނީ މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފި ކަމަށް ވާނަމަ އެކުރަނީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ (ނ) ގައި ބުނެފައި ވަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.