ޓޫރިސްޓް ވިސާގައި ބިދޭސީން ގެނެސް އެ ވިސާގެ މުއްދަތު ހަމަވާއިރު ވެސް ބިދޭސީން ރާއްޖެ އިން ނުފޮނުވާ މައްސަލަ ފަހަކަށް އައިސް އިތުރު ވަމުން އަންނަ ކަމަށް އިމިގުރޭޝަންއިން ބުނެފި އެވެ.

އިމިގުރޭޝަނުން ބުނީ މިހާރަކަށް އައިސް ގިނަ އަދަދެއްގެ ފަރާތްތަކުން ޓޫރިސްޓު ވީޒާގައި ބިދޭސީން ރާއްޖެ ގެނެސް، އެ ވިސާގެ މުއްދަތު ހަމަވާއިރު ވެސް އެމީހުން ރާއްޖެ އިން ފުރުވާނުލާއިރު އެ ބިދޭސީ ފަރާތްތަކުގެ ވީސާގެ މުއްދަތު ހަމަވެގެން، ވީސާ އައުކުރުމަށް ހުށަހަޅާ އިރު، އެ ބިދޭސީ މީހާ ހަވާލުވެފައިވާ ފަރާތުން ނަންގަވަން ޖެހޭ ޒިންމާ ގިނަ ފަރާތްތަކުން ނުނަގާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ހިލާފުވެގެން ރާއްޖެއިން ފޮނުވާލަން ޖެހޭ ފަރާތްތައް، ރާއްޖެއިން ފޮނުވާލުމަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަކީ އެ ބިދޭސީއަކާ ހަވާލުވެފައިވާ ފަރާތުގެ ޒިންމާއެއް. އަދި އެމީހަކު ރާއްޖެއިން ފުރި މުއްދަތާ ހަމައަށް ސަރުކާރަށް ދައްކަން ޖެހޭ ވީޒާ ފީ އާއި، ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އެންމެހައި ފައިސާއެއް ދެއްކުމަކީ ވެސް އެ ބިދޭސީއަކާ ހަވާލުވެހުރި ފަރާތުގެ މަސްއޫލިއްޔަތެއް." އިމިގުރޭޝަންއިން ބުންޏެވެ.

ރާއްޖެ އަންނަ ބިދޭސީން ވިސާގެ މުއްދަތު އިތުރުކޮށްދެވޭނީ އެ ބިދޭސީއަކު އައުމުގެ ކުރިން "ސްޕޮންސާޝިޕް ޑިކްލަރޭޝަން ފޯމު" އިމިގުރޭޝަނަށް ހުށަހަޅައި، ހުއްދަ ލިބިގެން އަންނަ ފަރާތްތަކަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ޓޫރިސްޓު ވީސާ ލިބިފައިވާ ބިދޭސީއަކަށް ދޫކޮށްފައިވާ ވިސާގެ މުއްދަތަށްވުރެ އިތުރަށް ރާއްޖޭގައި ހުރެފި ނަމަ އެމީހަކު ރާއްޖޭގައި ހުރި މުއްދަތަށާއި ކުށް ތަކުރާރުކުރި ފަހަރަށްބަލައި އިމިގްރޭޝަނުގެ ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އިމިގުރޭޝަންއިން ބުންޏެވެ.