14 Mar 2011, 16:15
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެންފި އެވެ.
ރައީސް ނަޝީދު މޮރިޝަސް އަށް ކުރެއްވި އެ ދަތުރުފުޅަކީ އެ ޤައުމުގެ ޤައުމީ ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވުމަށް، އެ ޤައުމުގެ ބޮޑުވަޒީރު ޑރ. ނަވިންޗަންދްރަ ރާމްގޫލާމް ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސްގެ އެ ދަތުރުފުޅުގައި، މޮރިޝަސްއިން ވަނީ، އެ ޤައުމުން އަރުވާ އެންމެ މަތީ ޝަރަފް ކަމުގައިވާ "ގްރޭންޑް ކޮމާންޑަރ އޮފް ދި އޯޑަރ އޮފް ދަ ސްޓާރ އެންޑް ކީ އޮފް ދި އިންޑިއަން އޯޝަން" (ޖީ.ސީ.އެސް.ކޭ.)، ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ. މި ޝަރަފް އެ މަނިކުފާނަށް އެރުވީ، މޮރިޝަސްގެ ރައީސް ސަރ އަނުރޫދް ޖަގްނައުތެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ، މޮރިޝަސްގެ ރައީސާއި ބޮޑުވަޒީރާއި އަދި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި މޮރިޝަސްއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފަ އެވެ.
މޮރިޝަސްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، އިންޑިޔާ ކަނޑުގެ ޤައުމުތަކުން ގުޅިގެން ތަރައްޤީއަށް މަސައްކަތް ކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި އަޑުއުފުލުމަށް، އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމުތަކުގެ މެދުގައި ސާކް ފަދަ ޖަމާޢަތެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުށަހަޅުއްވާފަ އެވެ.