ތޭރަ އަހަރުގެ ޖަލު ހުމެއް ތަންފީޒު ކުރަމުން ދިޔަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭބަންދަށް ބަދަލުކުރުމަށް ފަހު އަނެއްކާ ވެސް ޖަލަށް ބަދަލުކުރި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރޭ 9:35 އެހާކަންހާއިރު ރައީސް ނަޝީދު މާފުށީ ޖަލަށް ބަދަލުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ްއެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސައިން އެ ކޯޓަށް މިއަދު މައްސަލަ ހުށަހެޅި ކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 60 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ހިސާން ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ދިރާސާކޮށް ބެލި އިރު ރައީސް ނަޝީދަކީ އެ ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްކަން އެނގެން އޮންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދި ޖަލަށްލުމަށް ޝަރީއަތުން ހުކުމްކޮށްފައިވާ މީހެއްގެ ހުކުމް ތަންފީޒުކުރުމަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެ އެވެ.

ހިސާން އެ ކޯޓަށް މައްސަލަ ހުށަހެޅީ ރައީސް ނަޝީދު ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ހުކުމުގެ ބާކީ އޮތް މުއްދަތު ތަންފީޒު ކުރުމަށް ދާއިމީގޮތެއްގައި ގޭބަންދަށް ބަދަލުކޮށްފައިވާކަން ކަރެކްޝަނަލް ސާވިސް އިން ރައީސް ނަޝީދަށް ފޮނުވި ލިޔުކަމުން އެނގެން އޮންނާތީ ކަމަށް ބުނެ އެވެ.

ކޮމިޝަނަރ އޮފް ޕްރިޒަމް މުހައްމަދު ހުޝާމް ވަނީ އެފަދަ ލިޔުމެއް ފޮނުވާފައިނުވާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.