24 Aug 2015, 15:21
މުޒާހަރާގައި ފުލުހުންގެ އެދުމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އެއްވެސް ގަދަބާރަކާ ނުލާ ކިޔަމަންތެރިކޮށް ކަމަށް ބުނެ ހެކިބަސްދީފަ އެވެ.
އާޒިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 22 ފެބުރުއަރީ 2015 ވަނަ ދުވަހުގެ ރޭ އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ބަޔަކު މީހުން އެއްވެ ކުރި މުޒާހަރާގައި އަމަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތެރެއަށް ގާއުކުމާ ގުޅިގެން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި އެވަގުތު އެސަރަހައްދުގައި އާޒިމް ހަރަކާތްތެރިވެ ފުލުހުން ތަކުރާރުކޮށް ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން ވެސް އެތަނުން ނުގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.
އެ މައްސަލައިގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އާޒިމްގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދެމުން މުޒާހަރާގައި ބައިވެރިވި މުހައްމަދު ލަތީފު ބުނީ 23 ފެބުރުއަރީ 2015 00:20 އެހާކަންހާއިރު އެމްޑީޕީން ކުރިއަށް ދިޔަ އެއްވުމެއްގައި ބައިވިރިވި ކަމަށާއި އާޒިމްވެސް އެތާގައި ހުރި ކަމަށެވެ.
ބާރައިގެ ފަހުން އަޑު ގަދަކުރާ ބޭނުންނުކުރުމަށް ބުނެ ފުލުހުން އިރުޝާދު ދިން އިރު އާޒިމް ހުރީ ޕިކަޕުގައި ވާހަކަ ދައްކަން ކަމަށް ވެސް ހެކިބަސް ދެމުން ލަތީފު ބުންޏެވެ. އޭގެފަހުން ޕިކަޕުންފައިބައި އެންމެގެތަރޭގައި އާޒިމް ހުއްޓައި އިންޒާރަކާއި ނުލާ މުޒާހަރާ ރޫޅާލަން ފުލުހުން ނިކުތުމުން އެންމެން ދުއްވައިގަތީ ކަމަށް ވެސް ލަތީފު ވަނީ ހެކިބަސް ދީފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އާޒިމް ގެންދިޔައީ ގަދަކަމުން ނޫން ކަމަށާއި "ފުލުހުން އަންނާށޭ ބުނީމަ ދިޔައީ" ކަމަށް ހެކިވެރިޔާ ވަނީ ބުނެފަ އެވެ.

ފެބްރުއަރީ 27 ގައި ބޭއްވި މުޒާހަރާގައި އާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ -- ސަންފައިލް ފޮޓޯ
އެމައްސަލައިގެ މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ދެ ފުލުހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ.
އާޒިމާ ދެކޮޅަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތުގެ ހެކިބަސް ނަގައި މިއަދު ނިމުމާ ގުޅިގެން ހުލާސާ ބަޔާން އިއްވުމަށް 10 ދުވަހުގެ ފުރުސަތުން ޝަރީއަތުން ވަނީ ދެފަރާތަށް ވެސް ދީފަ އެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ދައުވާ އާޒިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 12000 ރުފިޔާ އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ޖަލަށްލާނެ އެވެ. އެހެންކަމުން އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާ އޭނާގެ މައްޗަށް ސާބިތުވިޔަސް މެންބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.