14 Mar 2011, 15:30
ފުލުހުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓްރީގައި އިސްކޮށް މަސައްކަތް ކުރެއްވެވި އިސްތަފާ އިބްރާހިމް މަނިކު ހާޒިރުކޮށް ސުވާލުތައް ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިސްތަފާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރި މައްސަލާގެ ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެން ބަލަމުން އަންނަ މައްސަލައެއްގައި ރޭ އޭނާ (އިސްތަފާ) ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ. މައްސަލާގެ އިތުރު ތަފުސީލެއް އަދި ދެވޭކަށް ނެތް،"އޮފިޝަލު ވިދާޅުވި އެވެ.
އިސްތަފާ ފުލުހުންގެ އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، ކުރީގެ ސަރުކާރުން ގައިދީންތަކެއް ޖަލުގައި މަރާފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިކޮށް، ކުރީގެ ސަރުކާރުގައި ވީނުވީގޮތެއް ނޭނގި ގެއްލިފައިވާ 100 އެއްހާ މީހުންވާ ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގުތައް ހިންގާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ސަރުކާރުގައި 44 އަހަރުވަންދެން ޑިފެންސް މިނިސްޓްރީގެ އެގެޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވެވި އިސްތަފާ އަކީ ކުރިން ޖަލުތަކުގައި ގައިދީން ބެލެހެއްޓުމުގެ އިސް ދައުރެއް އަދާކުރެއްވެވި ބޭފުޅެކެވެ.