ސޭޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދާ ބިދޭސީން ހޯދައި އެމީހުން ގައުމަށް އަނބުރާ ފޮނުވާލުމަށް އިމިގްރޭޝަނުން ފަށައިފައިވާ މަސައްކަތުގެ ދަށުން 10 ބިދޭސީއެއް ގައުމަށް ފޮނުވާލައިފި އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް މިއަދު 'ސަން' އަށް ވިދާޅުވީ، ސޭޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީން ތެރެއިން އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 10 ބިދޭސީއެއް މިދިޔަ ހޮނިހިރު ދުވަހު އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

"ދިހަ ބިދޭސީން ފޮނުވާލީ، ޑީޕޯޓެއް ނޫން ކުރީކީއެއް." ހަލީލް ވިދާޅުވި އެވެ.

މިއީ ސޭޓުންގެ ގޮތުގައި މަސައްކަތް ކުރާ ބިދޭސީން ގައުމަށް ފޮނުވާލި ފުރަތަމަ ފަހަރެވެ.

ބިދޭސީ ސޭޓުންގެ ގޮތުގައި އިމިގުރޭޝަންގެ ބެލުމުގެ ދަށުގައި މިވަގުތު 30 އަށް ވުރެ ގިނަ ބިދޭސީން އެބަތިއްބެވެ. އެ އެންމެން ވެސް ފޮނުވާލަން ވަނީ ނިންމާފަ އެވެ.

މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބިދޭސީން ސޭޓުންގެ ގޮތުގައި ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ނުބޭއްތިއްބުމަށް ތަކުރާރުކޮށް އަންނަނީ އަންގަމުންނެވެ. ނަމަވެސް އަދިވެސް ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގަޔާއި ފިހާރަތަކުގައި ގިނަ އަދަދެއްގެ ބިދޭސީ ސޭޓުންގެ ގޮތުގައި ތިބެ އެވެ.

ބިދޭސީން ކައުންޓަރުތަކުގައި ބައިތިއްބައިގެން ވިޔަފާރި ކުރަމުން ދިޔަ 106 ފިހާރައެއް މިދިޔަ މަހު އަށް ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިކޮނޮމިކް މިނިސްޓްރީ އިން ޖޫރިމަނާކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ، އެހެން ފަހަރުތަކުގައި ދޫކޮށްލި ގޮތަށް މިފަހަރު އެ މިނިސްޓްރީން ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެ ކަމަށާއި ޖޫރިމަނާގެ އިތުރުން ހުއްދަ ބާތިލު ކުރަން ވެއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެ އިން ފޮނުވާލުމަށް އިމިގުރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން މިވަގުތު ޖުމްލަ 169 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެބަތިބި ކަމަށް ހަލީލް ވިދާޅުވި އެވެ.