ައަލަށް ވިޔަފާރި އަށް ވަންނަން ބޭނުންވާ ފަރާތްތަކުން ނަގާ ލޯނުތަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ގެރެންޓީދޭ ސުކީމެއް ތައާރަފްކުރުމަށް ނިންމާފައިވާ ކަަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ފައިނޭންސްގެ ދަށުން 30 މިލިއަން ރުފިޔާގެ ސުކީމެއް ތައާރަފުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެ ސުކީމްގެ މަސައްކަތްކުރަނީ މިނިސްޓްރި އޮފް އިކޮނަމިކް ޑިވެލޮޕްމެންޓާއި މޯލްޑިްވސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅިގެން ކަަމަށެވެ. އަދި އެކަމާ ގުޅޭ ފަންނީ މަސައްކަތްކުރަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ މާހިރަކު ރާއްޖެ ވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

"ކްރިޑެޓް ގެރެންޓީ ސުކީމް ކުރިއަށްގެންދާނެ ގޮތުގެ އޮޕަރޭޝަނަލް މެނުއަލް [ވަނީ]ތައްޔާރުކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކްރިޑެޓް ގެރަންޓީ ސުކީމްގެ މަސައްކަތް ކުރުމަށް އެމްއެމްއޭގައި ސެލްއެއް ގާއުމުކޮށްފައިވާ ކަަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރިއަށް ދަނީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމްގެ ވަރަށް ގާތް ބެއްލެވުމުގެ ދަށުން ކަަމަށް ސައީދު ވިދާޅުވި އެވެ.

އެ ސެލް އަށް މިވަގުތު މަދުވަނީ ހަމައެކަނި ފަންޑް ކަމަށް ސައީދު ވިދާޅުވި އެވެ. އެސްއެމްއީ ގާނޫނުގެ ދަށުން ލިބޭ އަހަރަކު ލިބޭ 50 މިލިއަން ރުފިޔާ އެކަމަށް ބޭނުން ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަަމަށް ސައީދު ވިދާޅުވި އެވެ.

"މި ކްރިޑެޓް ސުކީމްގެ ތެރެއަށް (ފަންޑް) އިންޖެކްޓްކޮށް ދިވެހިންގެ ތެރެއިން ވިޔަފާރި އަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ކްރިޑެޓް ގެރަންޓީ ނުވަތަ ރަހުނު ގެރެންޓީކޮށްދޭ މި ސިސްޓަމް ވުޖޫދަށް ގެންނަށް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އަދި މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަަކަށް އުފާވެރި ޚަބަރަކަށްވާނެ ކަމަށެވެ. އަދި ދިވެހި ޒުވާނުން އެއްވެސް ޖެހިލުމެއްނެތި އެ ފުރުސަތުތައް ބޭނުންކުރެއްވުމަށް ސައީދު އެދިވަޑައިގަތެވެ. މި ސުކީމްގެ ލިޔުން އިކޮނަމިކް މިނިސްޓްރީގެ ފަރާތުން ރޭ ވަނީ ގަވަރުނަރު ޑރ. އަޒީމާ އާދަމާ ހަވާލުކޮށްފަ އެވެ.

މީގެ ދެ ހަފްތާ ފަހުން އަނެއްކާ ވެސް 50 މިލިއަން ރުފިޔާގެ ލޯން ސްކީމެއް ތައާރަފްކުރައްވާނެ ކަަމަށް ސައީދު ވިދާޅުވި އެވެ.