ލައިސެންސަކާ ނުލައި ޓެލެކޮމްގެ ހިދުމަތްދޭ ކުންފުނިތައް ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޓެލެކޮމިއުނިކޭޝަންގެ ބިލު މަޖިލީހުގެ ޖަލްސާއިން މިއަދު ބަލައިގެންފި އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ 58 މެމްބަރުންގެ ވޯޓުން ނެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ލައިސެންސް ނެތި ޓެލެކޮމް ހިދުމަތް ފޯރު ކޮށްދީ އެފަދައިން ރޭޑިއޯ މުވާސަލާތުގެ ތަކެތި އަތުގައި ހުއްދައެއް ނެތި ބަހައްޓާ ފަރާތަކަށް ފަސް މިލިއަނަށް ވުރެ ގިނަ ނުވާނޭ ގޮތަށް ޖޫރިމަނާ ވާނެ ކަމަށެވެ. އަދި އެކަމާ ހިލާފުވުމަށް ފަހު ހިނގާ ކޮންމެ ދުވަހަކަށް އެއް ލައްކަ އަށް ވުރެ ބޮޑު ނުވާނެ އަދަދަކުން ޖޫރިމަނާވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

އަމީތު ހުށަހެޅި ބިލުގައި ބުނާ ގޮތުން ލައިސެންސެއް ނެތި ނެޓުވޯކު ކުރުމަށް ބޭނުންވާ ސާމާނު ބެހެއްޓުމުގެ އިތުރުން އެފަދަ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ވެސް ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރާނެ އެވެ.

އޭނާގެ ބިލުގައި ބުނާ ގޮތުގައި ޓެލެކޮމްގެ ލައިސެންސް ދޫކުރާ އޮތޯރިޓީން އެ ލައިސެންސް ދޫކުރާ އިރު ދެވަތަރެއްގެ ލައިސެންސް ދޫކުރާނެ އެވެ. އެއީ އިންޑިވިޖުއަލް ލައިސެންސާއި ކްލާސް ލައިސެންސެވެ.

އިންޑިވިޖުއަލް ލައިސެންސަށް އެ ފަރާތުން ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ އެފަރާތެއް އެއް މިލިއަން ދިވެހި ރުފިޔާ އިން ޖުރިމަނާ ވާނެ ކަމަށް އެ ބިލުގައި ވަނީ ބުނެފަ އެވެ. އަދި ލައިސެންސްގެ ގަވާއިދުތަކާ ހިލާފުވާ ފަރާތުން ވެސް ހަމަ އެ އަދަދުން ޖޫރިމަނާވާނެ އެވެ.

ލައިސެންސްދޭ އޮތޯރިޓީގެ ސުލޫކީ މިންގަނޑުތަކާ ހިލާފު ވެއްޖެ ނަމަ އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ބިލުގައި ވަނީ ބުނެފައެވެ.

އެ ބިލު ހުށަހެޅުމުގެ މަގުސަދެއް ކަމަށް އަމީތު ވިދާޅުވީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އާ ގުޅުންހުރި ހުރިހާ ކަމެއް ރާވާ ހިންގާނެ ގޮއްތަކެއް ކަނޑައެޅުމަށް ކަމަށެވެ. އަދި ޓެލެކޮމްގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސެންސް ދޫކުރާނެ އުސޫލުތަކެއް ކަނޑައެޅުމަކީ ވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.