ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރިޕޯޓް މިއަދު އާންމު ކޮށްފައިވާއިރު ޖުމްލަކޮށް އެ ކޮމިޝަނުގެ ހުރިހާ މެންބަރުންގެ ހާޒިރީ ވެސް އާދަޔާ ހިލާފަށް ދަށް ކަމަށް އެ ރިޕޯޓުން ދައްކައިފި އެވެ.

ޖޭއެސްސީގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެންމެ ގިނައިން ޖަލްސާއަށް ވަޑައިނުގެން ހާޒިރީ ރިޕޯޓުގެ އެންމެ ފުލުގައި އުޅުއްވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ.

ކޮމިޝަނުގެ 85 ޖަލްސާއަށް ސުއޫދު ވަޑައިގަންނަވަންޖެހޭއިރު އޭނާ ހާޒިރުވެފައި ވަނީ އެންމެ 16 ޖަލްސާއަށެވެ. ހާޒިރުނުވާ ޖަލްސާގެ އަދަދު 69 އަކަށް އަރަ އެވެ. އެހެންކަމުން ޖޭއެސްސީގެ ހާޒިރުވާންޖެހޭ 81 ޕަސެންޓް ޖަލްސާއަށް ސުއޫދު ވަޑައިނުގަންނަވަ އެވެ.

ހާޒިރީ އެންމެ ފުލުން ދެ ވަނައިގައި އުޅުއްވާ އަބްދުﷲ ޝާހިދު ޖޭއެސްސީގެ 134 ޖަލްސާއަށް ވަޑައިގަންނަވަންޖެހެ އެވެ. ނަމަވެސް އޭނާ ހާޒިރުވެފައި ވަނީ އެންމެ 41 ޖަލްސާއަށެވެ. ޝާހިދު 93 ޖަލްސާއަށް ވަޑައިގެންފައިނުވާއިރު ހާޒިރުނުވާ ޖަލްސާގެ ޕަސެންޓޭޖް 69 އަކަށްއަރަ އެވެ.

ސުއޫދާއި ޝާހިދުގެ އިތުރުން ޖުމްލަކޮށް ޖޭއެސްސީގެ ހުރިހާ މެންބަރުންގެ ހާޒިރީ ވެސް އާންމުކޮށް ވަރަށް ދަށެވެ. ނަމަވެސް ކޮމިޝަނުގެ މެންބަރު އަހުމަދު ރަޝީދުގެ ހާޒިރީ ރަނގަޅު ކަމަށް ރިޕޯޓުން ފާހަގަ ކުރެވެ އެވެ. އެގޮތުން މިދިޔަ އަހަރު ޖުމްލަ 134 ޖަލްސާއަށް ރަޝީދު ވަޑައިގަންނަވަންޖެހޭއިރު ވަޑައިނުގެން ހުންނެވީ އެންމެ ހަ ޖަލްސާއަށެވެ.