ލެބޯޓްރީ ރިޕޯޓު ނެގޭނެ "ކިއޮސްކް" މެޝިންތަކެއް ބެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ ފުރަތަމަ ވިސްނުން ގެންގުޅެނީ ހޮސްޕިޓަލްގެ ތެރޭގައި ކިއޮސްކް މެޝިން ބެހެއްޓުމަށް ކަމަށެވެ. އަދި އޭގެ ފަހުން ވެލާނާގެ ފަދަ ތަންތަނުގައި އެ މެޝިން ބެހެއްޓުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ލެބޯޓަރީގައި ރަޖިސްޓްރީވުމަށް ފަހު ދޭނެ ބާކޯޑެއް. ކިއޮސްކް މެޝިނުން އެ ބާކޯޑު ޖެނެރޭޓް ކުރާނެ. ކިއޮސްކް މެޝިން ކައިރިއަށް ގޮސް އެ ބާކޯޑު ސްކޭން ކުރީމަ، ކިއޮސްކް އިން އޮޓަމެޓިކުން ރިޕޯޓު ޖެނެރޭޓްވާނެ،" ފަރުހަތު ވިދާޅުވި އެވެ.

ކިއޮސްކް މެޝިން ބެހެއްޓުމަށް އަދި ނިންމާފައިނުވާ ކަމަށާއި މިހާރު ކުރިއަށްދަނީ ހަމައެކަނި މަޝްވަރާތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ފުރަތަމަ މިބަލަނީ އެކަމަށް ހިނގާނެ ޚަރަދުތަކާއި އޭގެ ކޯސްޓް ބެނެފިޓްތައް. އަޅުގަނޑުމެން ޕްލޭން މިގޮތަށް ކުރިއަސް އޭގެ ޚަރަދާއި ނުކުންނަ ނަތީޖާއާ އެއްވަރުގެ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ. އެހެންވީމަ އެކަން ކުރަން އަޅުގަނޑުމެން ބޭނުން ވީހާވެސް އަވަހަކަށް، ސީދާ ތާރީޚެއް ދަންނަވަން އަޅުގަނޑަކަށް ނުކުރޭނެ. އެއީ ޕްލޭނިން ސްޓޭޖްގައި އޮތީމަ،" ފަރުހަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލެބޯޓަރީ ރިޕޯޓު އީމެއިލަށް ފޮނުވޭނެ އިންތިޒާމް ވެސް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.

"އެސްއެމްއެސް ފޮނުވައިގެން ރިޕޯޓު ތައްޔާރުވިކަން މިއަންގަނީ ދެއްތޯ. އަޅުގަނޑުމެން ވަރަށް އަވަހަށް ތައާރަފް ކުރާނަން އީމެއިލް އަށް އެބޭފުޅަކު ބޭނުން ކަމުގައިވާ ނަމަ އެބޭފުޅެއްގެ އީމެއިލަށް ރިޕޯޓު ފޮނުވައިދިނުން،" ފަރުހަތު ވިދާޅުވި އެވެ.

މިފަދަ ޚިދުމަތްތައް ދިނުމުގެ މަގުސަދަކީ ކިޔުގައި މަޑުނުކޮށް ލެޕޯޓަރީ ރިޕޯޓު ލިބޭނެ އިންތިޒާމް ރައްޔިތުންނަށް ހަމަޖައްސައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.