24 Aug 2015, 12:40
އިލެކްޝަންސް ކޮމިޝަން އިން ފުރަތަމަ ފަހަރަށް ބާއްވާ ޑިމޮކުރަސީ ހަފްތާ އަންނަ އޮކްޓޯބަރު މަހު ހއ. ހޯރަފުށީގައި ބޭއްވުމަށް ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އޮކްޓޫބަރު މަހު ހަތަރަކުން 10 އަކަށް ފާހަގަ ކުރާ އެ ހަފްތާ ކުރިއަށް ގެންދާނީ ހޯރަފުށީގައި ކަމަށްވާއިރު ޑިމޮކުރަސީއާ ގުޅޭ ގިނަ މައުލޫމާތުތަކެއް އެ ރަށުން ފޯރުކޮށްދޭނެ ކަމަށެވެ.
"ޑިމޮކުރަސީ ވީކްގެ މިފަހަރު އަޅުގަނޑުމެންގެ ތީމެއްގެ ގޮތުގައި މިއޮތީ ޑިމޮކުރަސީގައި އެންމެންގެ ބައިވެރިވުން. މިތީމުގެ ދަށުން މިފަހަރުގެ ޑިމޮކުރަސީ ވީކް ކުރިއަށް ގެންދާނެ." އަކްރަމް ވިދާޅުވި އެވެ.
އެކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ ހޯރަފުށީގައި ފާހަގަކުރާ އެހަފްތާގެ ތެރޭގައި ދައުލަތުގެ ގިނަ މުއައްސަސާތަކަކުން ބައިވެރިވެ އެމުއައްސަސާއެއްގެ ދާއިރާއިން ޑިމޮކުރަސީ އާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
ހޯރަފުށީގެ އިތުރުން މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޑިމޮކުރަސީ ހަފްތާ ފާހަގަ ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ އިރު ހޯރަފުށީގައި ހިންގޭ ހަރަކާތްތައް ޓީވީއިން ދުރަށް ދައްކާނެ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.
އެކޮމިޝަނުގެ މެމްބަރު މުހައްމަދު ޝަކީލް ވިދާޅުވީ އެހަފްތާ ފާހަގަ ކުރުމުގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ އާ ލޯގޯ އިފްތިތާހު ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޑިމޮކުރަސީ ހަފްތާ ފާހަގަ ކުރެވިގެންދާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަންއިން ބުންޏެވެ.