24 Aug 2015, 12:31
ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ބުނެ، މީޓިއޮރޮލޮޖީ ޑިޕާޓްމެންޓްގެ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ އަލްގީންގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމާލައިފި އެވެ.
ޚިޔާނާތުގެ ދައުވާ، އަލްގީންގެ މައްޗަށް އުފުލާފައި ވަނީ ޖަޕާނުގެ އެޖެންސީއެއް ކަމަށްވާ ޖަޕާން އެޖެންސީ ފޮ މެރިން އާތު ސައިންސް އެންޑް ޓެކްނޮލޮޖީ (ޖެމްސްޓެކް) އާއި ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ ގުޅިގެން ރާއްޖޭގައި މޫސުމާ ބެހޭ ދިރާސާއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް، އެއްބަސްވުމާ ޚިލާފަށް އެ އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބެން ޖެހޭ ފައިސާ އަލްގީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައި ވާތީ ކަމަށް ބުނެ އެވެ.
މީގެ ކުރިން ވެސް އަޑުއެހުތައް ނިންމާލާފައިވާ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވީ ކުރިން މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗު ބަދަލުވުމާ ގުޅިގެނެވެ.
ކުރިން އެ މައްސަލައިގެ އިސް ފަނޑިޔާރުކަން ކުރައްވާފައި ވަނީ ފަނޑިޔާރު ޝުއައިބު އުސްމާނެވެ. ނަމަވެސް ބެންޗަށް ގެނެވުނު ބަދަލާ ގުޅިގެން ފަނޑިޔާރު ޝުއައިބުގެ ބަދަލުގައި އިސްފަނޑިޔާރުކަން ކުރެއްވީ ފަނޑިޔާރު ޝުޖާއު އުސްމާނު އެވެ. އޭގެ އިތުރުން ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުން ވެސް އެއްވެސް ކަމެއް އިތުރަށް ފާހަގަކުރަން ނެތް ކަމަށް ބުނުމުން އިސްފަނޑިޔާރު ވިދާޅުވީ ދެން އޮއްނަ މަޖިލީހެއްގައި އޮއްނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.
އަލްގީނަކީ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ކޮއްކޯފުޅެވެ.