24 Aug 2015, 11:40
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮންގްރެސްގައި ފާސްކުރާ އާ ގަވާއިދުން އެފްއޭއެމްގެ ދަށުން ސަބް އެސޯސިއޭޝަންތަކެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލު މިއަދު ސަން އަށް ވިދާޅުވީ ފީފާގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ އާ ގަވާއިދުން ފީފާގެ ދަށުން އެކި ދާއިރާތަކުން ފުޓްބޯޅައާ ގުޅޭ ސަބް އެސޯސިއޭޝަންތަކެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެގޮތުން ރެފްރީސް އެސޯސިއޭޝަނާއި ވެޓްރަންސް އެސޯސިއޭޝަނާއި ފުޓްސަލްއާއި ބީޗް ފުޓްބޯޅައާއި ފުޓްބޯޅައާ ގުޅޭ އެހެނިހެން ދާއިރަތަކުން ސަބް އެސޯސިއޭޝަން ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.
"އާ ސްޓެޗިއުޓްސް އިން އެފްއޭއެމްގެ ދަށުން ސަބް އެސޯސިއޭޝަންތަކެއް ހެދުމުގެ ބާރު އެފްއޭއެމްއަށް ލިބިގެންދޭ. އެއިރުން އޮންނާނެ ރެފްރީސް އެސޯސިއޭޝަނެއް. ވެޓަރަންސް އެސޯސިއޭޝަނެއް. ފުޓްސަލް އެސޯސިއޭޗަނެއް. ބީޗް ފުޓްބޯލް އެސޯސިއޭޗަނެއް،" ބައްސާމް ވިދާޅުވިއެވެ.
އާ ގަވައިދުން އެފްއޭއެމްގެ އިންތިޚާބުގައި ވާދަ ކުރާނީ މުޅި ބޯޑު ހިމެނޭ ގޮތަށް ޓީމަކުންނެވެ.
ބައްސާމް ވިދާޅުވީ އެކަމުގެ ސަބަބުން ހަތަރު އަހަރު ވަންދެން ރައީސްއަކަށް އަންނަ މީހަކަށް އޭނާގެ ޓީމް ގޮވައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.