14 Mar 2011, 14:38
ދައުލަތުގެ ރިޒާވް ކަނޑައެޅުމުގެ އެންމެހާ ކަންކަން ނިންމާނީ އެކަމަށް ޓަކައި އެކުލަވާލެވޭ ގާނޫނަކުން ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދައުލަތުގެ ރިޒާވާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމިޓީން 3 އޯގަސްޓް 2009ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުމާ ބެހޭ ގޮތުން، މަޖިލީހުގެ ދެ މެންބަރަކު ދެ ހުށަހެޅުމެއް ހުށަހެޅުއްވި އެވެ. އެގޮތުން ރިޒާވް ކަނޑައެޅުމުގެ ކަންތައް ކުރިއަށް ގެންދާނީ ގާނޫނަކުން ކަމަށް ކަނޑައެޅުމަށް ހުށަހަޅުއްވާފައި ވަނީ، އެމްޑީޕީގެ މެންބަރު ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކެވެ. އެ ހުށަހެޅުން ފާސްވީ ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ހުށަހެޅުން ނުފެންނަ ކަމަށް 30 މެންބަރުން ވޯޓު ދެއްވި އެވެ.
ދައުލަރުގެ ރިޒާވާ ބެހޭ ގޮތުން ދެވަނަ ހުށަހެޅުމެއް ހުށަހަޅުއްވާފައި ވަނީ ޑީއާރުޕީގެ މެންބަރު ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމެވެ. އެ ހުށަހެޅުމުގައި ވަނީ، ދައުލަތުގެ މާލިއްޔާގެ ރިޒާވްގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ އާއި މުދަލުން ހަރަދު ކުރުމާ ބެހޭ އެންމެހާ ކަންކަން ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެ މާއްދާގެ ބޭނުމަށް ނިންމާ ކަންކަން މަޖިލީހުން ނިންމާނީ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ހުށަހެޅުމުން މަޖިލީހުން ފާސްކުރާ ގޮތުގެމަތިން ކަމަށެވެ. އެ ހުށަހެޅުން ފާސްކުރުމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 30 މެންބަރުންނެވެ.
ނަމަވެސް ނުފެންނަކަމަށް 33 މެންބަރުން ވަނީ ވޯޓު ދެއްވާފައިވެ އެވެ. އެ ހުށަހެޅުން ފާސްކުރަން ބޭނުންވަނީ 33 ވޯޓެވެ.