24 Aug 2015, 11:07
އެޑިޔުކޭޝަން މިނިސްޓްރީން އިންސާނީ ހިދުމަތުގައި ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް އަގުވަޒަން ކުރުމުގެ ގޮތުން އިންސާނިއްޔަތަށް ޓަކައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ، ދިވެހި ރެޑް ކްރެސެންޓުން މިނިސްޓްރީ އަށް ހަނދާނީ ފިލާއެއް ދީފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުކޮށްލެއްވުމެއްގައި މިނިސްޓްރީގެ ފަރާތުން މި ފިލަޔާ ހަވާލުވެފައި ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ. އަދި އެފިލާ ހަވާލުކޮށްދެއްވާފައި ވަނީ ދިވެހި ރެޑްކްރޮސެންޓްގެ ފުރަތަމަ ނައިބު ރައީސާ ނައުޝާން އަބްދުލް މުހައިމިނެވެ.
ފިލާއާ ހަވާލުވެ ލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގައި ދަރިވަރުންނަށް ރައްކައުތެރި މާހައުލެއް ގާއިމްކުރުމަށް މިނިސްޓްރީން ކުރާ މަސައްކަތްތަކުގައި ދިވެހި ރެޑް ކްރެސެންޓް އިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ރައްކާތެރިކަމަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދެއްވާ ކަމަށާއި އެ މަސައްކަތުގައި އެ ޖަމިއްޔާ އިން މިނިސްޓްރީއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ދަރިވަރުންގެ ރައްކާތެރި ކަމަށް މިނިސްޓްރީން ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމަށާއި އެ މަސައްކަތްތަކުގައި ރެޑް ކްރެސެންޓްގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ނައުޝާން ވިދާޅުވީ އިއްޔެ ހަވާލު ކުރި ފިލާއަކީ އެ ޖަމިއްޔާގެ ހަ ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އިންސާނިއްޔަތަށް ޓަކައި ދިވެހި މުޖުތަމައު ބާރުވެރިކޮށް ދުޅަހެޔޮ ކުރުމަށް މިނިސްޓްރީން ދެއްވި އެހީތެރިކަމާއި ގާތްގުޅުން ފާހަގަކޮށް އެރުވި ފިލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސްކޫލްތަކުގައި ދަރިވަރުންގެ ރައްކައުތެރިކަމާ ގުޅޭ ގޮތުން މިނިސްޓްރީއާ ގުޅިގެން ސްކޫލް އެމަޖެންސީ އޮޕަރޭޝަނަލް ޕްލޭންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ވަޔަލެންސް ޕްރިވެންޝަން ޕްރޮޖެކްޓްގެ ދަށުން ސްކޫލްތަކުގެ ޓީޗަރުންނަށް ދަރިވަރުންގެ ރައްކައުތެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނައުޝާން ވިދާޅުވި އެވެ.