މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސާއި އިންޓެލިޖެންސްގެ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމެންޓާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ދެމެދު، ތިން ކަމަކާ ގުޅޭ މައުލޫމާތުތަކެއް ހިއްސާ ކުރުމަށް "ނޮލެޖް ފޯރަމް"އެއް ފަށައިފި އެވެ.

އެގޮތުން އެ ފޯރަމްގައި އިމިގްރޭޝަންގެ ފަރާތުން ހިއުމަން ޓްރެފިކިން އާއި ޕާސްޕޯޓް ސެކިއުރިޓީ އަދި ހިއުމަން ސްމަގްލިންއާ ގުޅޭ ގޮތުން ޕޮލިހުންނާ މައުލޫމާތު ހިއްސާކުރާނެ އެވެ. އަދި ކައުންޓާ ޓެރަރިޒަމް ޑިޕާޓްމެންޓްގެ ފަރާތުން ގްލޯބަލް ޓެރަރިޒަމް ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތު ހިއްސާ ކުރާނެ އެވެ.

އެ ފޯރަމް ފެށުމަށް މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދު ވިދާޅުވީ، ޒަމާނުއްސުރެ އިންޓެލިޖެންސް ސާވިސް ފެނިފައި އޮންނަނީ ވަރަށް ބިރުވެރި ސާވިސްއަކަށް ކަމަށެވެ.

ސީޕީ ވިދާޅުވީ މައުލޫމާތު އެއްކުރުމަށް ފަހު އެ މައުލޫމާތުގެ ތެރެއިން މީހަކާ މައުލޫމާތެއް ހިއްސާ ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ބައެއް ހާލަތްތަކުގައި އެގޮތަށް ކަންތައް ކުރުމުން ހިންގަން ބޭނުންވާ އެކި ކަހަލަ އޮޕަރޭޝަންތައް ހިންގުމުގައި ބައެއްކަހަލަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ނަމަވެސް މިއަދު ފެށޭ ފޯރަމްގެ ސަބަބުން ލިބިދޭ އެންމެ މުހިންމު އެންމެ ބޭނުންތެރި ކަމަކަށް ވާނީ މައުލޫމާތު ހުރެ އެކިކަހަލަ އޮޕަރޭޝަންތައް ހިންގުން ކަމަށެވެ.

"މީގެ ކުރީގައި މައުލޫމާތުގެ ތެރެއިން ދޫކުރަން ޖެހޭ ކުދިކުދި އެތިކޮޅު ދޫކުރުމުން މަސައްކަތުގެ އަމަލީ މައިދާނުގައި މަސައްކަތް ކުރާއިރު އަނެއްކާ ވެސް މައުލޫމާތު އެއްކޮށްގެން އޮޕަރޭޝަން ކުރިއަށްގެންދަން ޖެހެނީ. މި ފޯރަމްގެ ސަބަބުން މައުލޫމާތު ބަދަލުކުރުމުގެ ބައްދަލުވުންތަކާއި އެކު އުފެދިގެންދާ އެއްބައެއްވަންތަކަމުގެ ސަބަބުން މިހާރަށް ވުރެ ރަނގަޅު ނަތޖާތަކެއް މަސައްކަތުގެ ތެރެއިން ލިބިގެންދާނެ،" ސީޕީ ވަހީދު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފުލުހުންގެ އިންޓެލިޖެންސުގެ އިސް އޮފިސަރުންނާއި އިމިގްރޭޝަންގެ އިސް އޮފިސަރުން ބައިވެރިވި އެވެ.