މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީޑީއޯ) އަދުނާން އަލީ މަގާމުން ވަކިކުރަން ކަނޑައަޅައި އިއްޔެ ނޯޓިސްދީފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ އަށް ނޯޓިސް ދީފައި ވަނީ މި މަހުގެ ނިޔަލަށެވެ. އަދި އޭނާ އަށް ނޯޓިސްދީ ވަކިކުރަނީ، އެ ގޮތަށް ވަކިކުރާ މީހުންނަށް ދޭ ޕެކޭޖު ދިނުމަށް ފަހު ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެ ޕެކޭޖުގެ ތަފްސީލެއް ނޭނގެ އެވެ.

އަދުނާން ވަކިކުރުމަށް ފަހު، އެ މަގާމަށް ބިދޭސީ މުވައްޒަފަކު ގެންނަން ނިންމާފައިވާ ކަމަށް ވަނީ ސަން އަށް އެނގިފަ އެވެ.
އަދްނާނަކީ އެމްއޭސީއެލް އިން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔަވައިދެއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އެ ކުންފުނީގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާ ވަނީ ޓްރާންސްޕޯޓް މިިނިސްޓަރުގެ އެޑްވައިޒަރަކަށް ބަދަލުކުރައްވައިފި އެވެ. އޭނާ އަނބުރާ އެމްއެލްސީ އަށް ބަދަލު ކުރެއްވީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ވަނަ އަހަރު އެވެ.