ވިހެއުމަކީ ގުދްރަތީ އަދި ތަބީޢީ ކަމެއްނަމަވެސް ހަށިގަނޑު ކުރުކޮށް ފަލަކޮށްތިބޭ އަންހެނުންނަށް ވިހެއުމުގައި ސިއްޙީ މައްސަލަތައް ދިމާވާ މިންވަރު އިސްކޮޅުން ދިގު އަންހެނުންނަށް ވުރެ ބޮޑުކަން ދުނިޔޭގެ އެކި ގައުމުތަކުގައި ސައެންސްވެރިން ކޮށްފައިވާ ހުރިހާ ދިރާސާތަކަކުންނާ އަދި އަންހެނުންގެ ބަލިތަކާބެހޭ ޑޮކްޓަރުންގެ ތަޖްރިބާތަކުން ހާމަވާކަމަށް މިދިރާސާތަކުގެ އަލީގައި ތައްޔާރުކޮށްފައިވާ ދަރިމައިވުމުގެ ސިއްޙަތާބެހޭ ރިޕޯޓެއް ބުނެފި އެވެ.

މިރިޕޯޓް ބުނާ ގޮތުން ފަސޭހައިން ވިހެއުމަށް މަގުފަހިކޮށްދޭ ކަންތައްތަކުގެ ތެރޭގައި އެތައް ކަމެއްހިމެނޭ އިރު އަންހެންމީހާގެ އިސްކޮޅު ދިގުވުމަކީ ވެސް ވިހެއުމަށް ފަސޭހަވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފަހުގެ ދިރާސާތަކުންނާއި ތަފާސްހިސާބުތަކުންވަނީ ހާމަވެފަ އެވެ. މީގެ މާނައަކީ އިސްކޮޅުން ދިގު ކޮންމެ އަންހެނަކީ ވިހެއުމުގެ ކަންތައް ފަސޭހަވާނެ އަންހެނުންނޫން ކަމަށާއި ނަމަވެސް އަންހެންމީހާގެ ބަރުދަނާއި އުމުރާއި އެނޫންވެސް ބައެއްކަންތައްތަކުގެ އިތުރުން އިސްކޮޅުން ދިގުވުމަކީ ވެސް ފަސޭހައިން ވިހެއުމަށާއި ދުވަސްފުރައި ވިހެއުމަށް މަގުފަހިކޮށްދޭ ކަމެއްކަމަށް މިރިޕޯޓް ބުނެ އެވެ.
މީގެ އިތުރުން ދުވަސް ނުފުރައި ވިހާ އަންހެނުންގެ ތެރޭގައި ވެސް ގިނައީ ހަށިގަނޑު ކުރުކޮށް ފަލަކޮށްތިބޭ އަންހެނުންކަމަށްވެ އެވެ. އިސްކޮޅުން ދިގު އަންހެނުންގެ ތެރޭގައި ދުވަސްނުފުރައި ވިހާ އަންހެނުންގެ ނިސްބަތް މަދުކަންވެސް ދުނިޔޭގެ އެކި ގައުމުތަކުން އެއްކޮށްފައިވާ ތަފާސްހިސާބުތަކާ ހަވާލާދީ މިރިޕޯޓް ބުނެ އެވެ. މިރިޕޯޓް ބުނާގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 15 މިލިޔަން އަންހެނުން ދުވަސްނުފުރާ ވިހައެވެ. މީގެތެރެއިން 1.2 މިލިޔަން އަންހެނުން ވިހާ ދަރިން ވިހާތަނުން ނޫނީ ވިހެއުމުގެ ތެރޭގައި ނޫނީ ވިހާތާ މަސްދުވަހުގެ ތެރޭގައި މަރުވެ އެވެ.
މިރިޕޯޓް ގައިވާގޮތުން އިސްކޮޅުގައި 163 ސެންޓިމީޓަރު ނުހުންނަ އަންހެނުންނަށް ވިހެއުމުގައި މައްސަލަތައް ދިމާވާ މިންވަރާއި ދުވަސް ނުފުރާ ވިހާ މައްސަލަ، އިސްކޮޅުގައި ފަސްފޫޓު ހަމަވާ އަދި އެއަށްވުރެ ދިގު އަންހެނުންނަށް ވުރެ މާގިނަވެފައި ބޮޑެވެ. އަދި އިސްކޮޅުން ކުރު އަންހެނުންނަށް މިމައްސަލަތައް ދިވާމުން ކުޑަ ކުރުމަށްޓަކައި އެޅިދާނެ ގިނަ ފިޔަވަޅުތަކެއް އެބަހުރި ކަމަށާ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން އެކަންކަމަށް ރިޔާއަތް ކުރާނަމަ މި މައްސަލަތައް ދިމާވުން މަދުވާނެކަންވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
(އާރުޓީ ޑޮޓްކޮމް)