24 Aug 2015, 10:37
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން އެއްވެސް ލިޔުމެއް ކަރެކްޝަންސް އިން ދޫކޮށްފައި ނުވާނެ ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ.
ރައީސް މުހައްމަދު ނަޝީދު ގޭ ބަންދުގައި ހުންނަތާ ދެ މަސް ފަހުން އެމަނިކުފާނު މާފުށި ޖަލަށް ބަދަލުކޮށްފައި ވަނީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ރޭގެ ވަގުތެއްގަ އެވެ.
ނަޝީދުގެ ޖަލު ހުކުމް ގޭގައި ތަންފީޒު ކުރާގޮތަށް ބަދަލުކޮށް ލިޔުމަކުން އެކަން އަންގާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު ގޭބަންދަށް ބަދަލުކޮށްފައި ވަނީ އަށް ހަފްތާއަށް ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން މިހާރު ނަޝީދު އަނބުރާ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކަރެކްޝަނަލް ސާވިސްއިން ރައީސް ނަޝީދަށް ދިން ލިޔުން ކަމަށްުބުނެ ރައީސް ނަޝީދުގެ ފަރާތުން ދީފައިވާ ލިޔުން: ސަން ފޮޓޯ: ޔޫސުފް ސޮއްފާން
"ގ. ކެނެރީގެ، މުހައްމަދު ނަޝީދު 8 (އަށެއް) ހަފްތާގެ މުއްދަތަށް ގޭބަންދަށް ވަގުތީ ގޮތުން ބަދަލު ކުރެވިފައި ވަނިކޮށް، ގ. ކެނެރީގެ، މުހައްމަދު ނަޝީދު މައްޗަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން މި މުއައްސަސާ އިން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާނެ ވާހަކަ ދަންނަވަން،" ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަޝީދު ގޭބަންދުގައި ހުއްޓައި ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނަޝީދުގެ ވަކީލުންގެ ޓީމުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން "ސުޓްރެސް ފްރީ އެންވަޔަރަންމެންޓެއްގައި" ބެހެއްޓުމަށް ރައީސް މުހައްމަދު ނަޝީދު ގޭ ބަންދަށް ބަދަލުކުރީ މިދިޔަ ޖޫން މަހު 21 ވަނަ ދުވަހު އެވެ. އޭގެ ދެމަސް ފަހުން ރައީސް ނަޝީދު އަނބުރާ ޖަލަށް ބަދަލު ކުރަން ނިންމާފައި ވެސް ވަނީ ޑޮކްޓަރުންގެ ރިޕޯޓްތަކަށް ބަލާފައި ކަމަށް ކަރެންޝަންސް އިން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.