24 Aug 2015, 09:50
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭބަންދުގައި ހުއްޓައި ޖަލަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނަޝީދުގެ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓަށް މައްސަަލަ ހުށަހަޅައިފި އެވެ.
ރައީސް މުހައްމަދު ނަޝީދު ގޭ ބަންދުގައި ހުންނަތާ ދެ މަސް ފަހުން އެމަނިކުފާނު މާފުށި ޖަލަށް ބަދަލުކޮށްފައި ވަނީ ކަރެއްކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ރޭގެ ވަގުތެއްގަ އެވެ.
ނަޝީދުގެ ވަކީލުންގެ ޓީމުން މިއަދު ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާފައި ވަނީ ނަޝީދުގެ ޖަލު ހުކުމް ގޭގައި ތަންފީޒު ކުރާ ގޮތަށް ބަދަލުކޮށް ލިޔުމަކުން ރައީސް ނަޝީދަށް އެކަން އަންގުމަށް ފަހު ޖަލަށް ބަދަލުކުރުމުން ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ ނަޝީދު ގޭބަންދުގައި ހުއްޓައި ޖަލަށް ބަދަލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަދި މައްސަލަ ބަލައިގަތުމާ މެދު ވެކިގޮތެއް ނުނިންމާ ކަމަށެވެ.
ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސް އިން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާނެ ކަމަށް އެ މުއައްސަސާ އިން ވަނީ ބުނެފަ އެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން "ސުޓްރެސް ފްރީ އެންވަޔަރަންމެންޓެއްގައި" ބެހެއްޓުމަށް ރައީސް މުހައްމަދު ނަޝީދު ގޭ ބަންދަށް ބަދަލުކުރީ މިދިޔަ ޖޫން މަހު 21 ވަނަ ދުވަހު އެވެ. އޭގެ ދެމަސް ފަހުން ރައީސް ނަޝީދު އަނބުރާ ޖަލަށް ބަދަލު ކުރަން ނިންމާފައި ވެސް ވަނީ ޑޮކްޓަރުންގެ ރިޕޯޓްތަކަށް ބަލާފައި ކަމަށް ކަރެންޝަންސް އިން ވަނީ ބުނެފަ އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.