ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމް އަދި ނައިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު ޖަމީލާ އަލީ ހާލިދުގެ ނަންފުޅު މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކެވެ. ނިހާނު އެ ބޭފުޅުންގެ ނަންފުޅު ހުށަހެޅުއްވުމުން ވަނީ ދެ މެމްބަރަކު ތާއީދު ކުރައްވާފައި އެވެ.

އެގޮތުން ސީއެސްސީގެ ރައީސް ކަމަށް ޑރ. ޝަމީމް އައްޔަން ކުރެއްވުމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވަނީ ތާއީދުކުރައްވާފައި އެވެ. އަދި ނައިބު ރައީސަކަށް ޖަމީލާ އަލީ އައްޔަން ކުރެއްވުމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވަނީ ތާއީދުކުރައްވާފައި އެވެ.

ސީއެސްސީގެ ރައީސް ކަމަށް ޑރ. ޝަމީމްގެ އައްޔަން ކުރެއްވުމަށް މަޖިލީހަށް މިއަދު ނަން ހުށަހަޅާފައިވާ އިރު އޭނާ އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. ޑރ. ޝަމީމަކީ ކުރިން ހިއުމަން ރައިޓުސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވުމަށް ޖަމީލާގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވި އިރު އޭނާ އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުން އަރުވާ މަޝްވަރާއެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.