ޖުމްހޫރީ ޕާޓީގެ އާއްމު މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު އެޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޝިހާބު މިއަދު ވިދާޅުވީ، އެޕާޓީން ވަކިވެޑައިގެންނެވީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާއި އެގޮތަށް ނިންމެވީ އެމްޑީޕީއާ ގުޅުމަށް ބޭނުންވެވަޑައިގެންނެމުން ކަމަށެވެ.

"އެމްޑީޕީއަށް ވަންނަން ބޭނުންވާތީ ވަކިވީ،" ޝިހާބު މިއަދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ ޝިހާބު އިތުރަށް ވިދާޅުވީ، އަންނަ މަހު ފަހުކޮޅު އެމްޑީޕީގެ އިސް މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބުގައި މެދު ޕްރޮވިންސްގެ ރައީސް ކަމަށް އޭނާ ކުރިމަތިލައްވައިފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު މޫސާ ރަމީޒު މިއަދު ވިދާޅުވީ، ޝިހާބު ޕާޓީން ވަކިވެވަޑައިގެންނެވި އިރު އެކަން ޕާޓީއަށް އަންގަވާފައި ނުވާ ކަމަށާއި އެކަން އެނގިވަޑައިގަތީ އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ކަމަށެވެ.
ޝިހާބު އެންމެ ފުރަތަމަ ހުންނެވީ އެމްޑީޕީގައި އެވެ. ނަމަވެސް، ރިޔާސީ އިންތިހާބާ ދިމާކޮށް އޭނާ ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފަ އެވެ. އަދި އޭރު މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ވެސް ހިމެނިވަޑައިގެންނެވި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން، އެމްޑީޕީ ސަރުކާރުގެ ފުރަތަމަ އެޓާނީ ޖެނެރަލަކަށް ހުންނެވި ދިޔާނާ ސައީދު ވެސް ވަނީ އެޕާޓީން ވަކިވެވަޑައިގެން އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.