އިސްލާމިކް ފައިނޭންސްގެ ދަށުން 'ފަސޭހަ މަދަދު' ނަމުގައި 30 މިލިއަން ރުފިޔާގެ ސްކީމެއް އިފްތިތާހުކޮށްފިއެވެ.

އެ ސްކީމް އިފްތިތާހްކޮށްދެއްވީ ނައިބު ރައީސް އަހުމަދު އަދީބެވެ. "ފަސޭހަ މަދަދު" ނަމުގައި އިސްލާމިކް ޑިވެލޮޕްމެންޓް ބެންކް(އައިޑީބީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ އެ ސްކީމަކީ އިސްލާމިކް ފައިނޭންސް އުސޫލުން ވިޔަފާރިތައް ތަރައްގީކުރުމަށް ސަރުކާރުން ހިންގާ ފުރަތަމަ ޕްރޮގްރާމެވެ.

ސްކީމް ތައާރަފްކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެ ސްކީމްގެ ދަށުން ފައިސާ ދޫނުކުރާނެ ކަަމަށެވެ. އަދި އެ ސްކީމްގެ ދަށުން އެހީތެރިވެދޭނީ އިކުއިޕްމެންޓް ގަތުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ހިންގާ ގެޓްސެޓް ލޯނު ޕްރޮގްރާމްގެ ދަށުން 72 ފަރާތަކަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ އާއި ގާތްކުރާ އަދަދަކަށް ލޯން ވަނީ ދީފައެވެ.

އަދި އެ ލޯނު ދިނުމުގެ އިތުރުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޒުވާން ވިޔަފާރިވެރިން ތަމްރީނުކުރުމަށް ސެންޓަރުތައް ގާއިމުކުރެވިގެން ދިއުމަކީ ޒުވާނުންނަށް އުފާވެރިކަން ގެނެސްދިންކަމެއް ކަަމަށް ސައީދު ވިދާޅުވިއެވެ.

" މި އުފާވެރި ވަގުތުކޮޅު ގެނެސްދެއްވީ ރައީސް ޔާމީން" ސައީދު ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ލިބިދޭ ވިިޔަފާރީގެ ފުރުސަތުތައް އެެއްވެސް ޖެހިލުމެއްނެތި ބަލައިގަތުމަށް މިނިސްޓަރު ސައީދު އެދިވޑައިގަތެވެ.

މިނިސްޓަރު ވިދާޅުވީ، އެ ސްކީމުގެ ދަށުން ކުދި ވިޔަފާރިތަކަށް 100000 ރުފިޔާ ދޫކުރާ އިރު މެދުފަންތީގެ ވިޔަފާރިތަކަށް 1000000 ރުފިޔާ ދޫކުރާނެ ކަމަށެވެ. އެ ސްކީމަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އޮކްޓޫބަރު 29 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.