24 Aug 2015, 08:14
ރާއްޖޭގައި ހިންގާ ބޭންކުތަކުން ރިޒާވްގެ ގޮތުގައި، އެމްއެމްއޭގައި ބަހައްޓަން ޖެހޭ މިންވަރު 20 ޕަސެންޓުން 10 ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ފައިނޭންސްގެ ދަށުން 30 މިލިއަން ރުފިޔާގެ ސްކީމެއް ތައާރަފުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމިންގެ އެންމެ ބޮޑު އެއް އަމާޒަކީ މިނިމަމް ރިޒާވް ދަށް ކުރުން ކަމަށެވެ. އަދި އެކަން ކުރުމުގައި ގަވަރުނަރު ޑރ. އަޒީމާ އާދަމް ވަރަށް ފުރިހަމަކޮށް އެ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އަދީބު ވިދާޅުވިއެވެ. އަދި އެ ބަދަލުގެ ސަބަބުން ބޭންކުތަކުން އާއްމުންނަށް ދުކުރާ ލޯނުގެ އަދަދު އިތުރުވެގެންގޮސްފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.
"މިވަގުތު އަޅުގަނޑުމެން ޖެހޭނީ ދިވެހިރާއްޖެއަށް އެންމެ ފުރިހަމަ އިގްތިސާދީ ސިޔާސަތެއް ތައާރަފުކުރަން،" ކަމަށް ނައިބު ރައީސް އަދީބު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިގްތިސާދަކީ ކުޑަ އިގްތިސާދަކަށްވާތީ ޓެކްސްޓް ފޮތްތަކުގައި އޮންނަ ގޮތަށް ކަންތައްވެގެން ނުދިއުމަކީ އެކަށީގެންވާ ކަމެއް ކަަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ހުރިހާ އިގްތިސާދީ ޓެކްސްޓް ފޮތްތަކުން ބުނާގޮތުގައި ރާއްޖޭގައި ޓެކްސް، ރުފިޔާ އިން ދެއްކުމަކީ އެއްމެ ރަނގަޅު ގޮތް ކަަމަށާއި އެހެންނަމަވެސް ހަމައެކަނި ރުފިޔާއިން ދައުލަަތަށް ފައިސާ ބަލައިގަންނަން ފަށައިފި ނަމަ ދައުލަތުން ޖެހޭނީ ބްލެކްމާކެޓަށް ނުކުމެ ޑޮލަރު ގަންނަށް ކަމަށް އަދިބު ވިދާޅުވިއެވެ.
އިސްލާމިކް ފައިނޭންސާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިސްލާމިކް ފައިނޭންސަކީ ބޮޑު މުސްތަގުބަލެއް އޮތް ނިޒާމެއް ކަމަށެވެ.