ދިވެހި ވިޔަފާރިވެރިން ވަޒީފާ ދިނުމުގައި ދިވެހި ޒުވާނުންނަށް އިސްކަންދޭންޖެހޭ ކަަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އިސްލާމިކް ފައިނޭންސްގެ ދަށުން 30 މިލިއަން ރުފިޔާގެ ސްކީމެއް ތައާރަފުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، މި ސަރުކާރަަށް އެންމެ މުހިއްމީ ދިވެހިންނަށް ވަޒީފާ އުފެއްދުން ކަމަށެވެ.

"ބޭރު ގައުމަކުން ދެތިން ދަނޑުވެރިންނާއި ދެތިން ފަހާ މީހުން ގެނެސް އެކަން ކުރިޔަސް އޭގެއިން ދިވެހިންނަށް ވަޒީފާއެއް ނުއުފެދޭ،" އަދީބު ވިދާޅުވިއެވެ.

'ފަސޭހަ މަދަދު' ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ވިޔަފާރިވެރިން ވިޔަފާރި ކުރުމުގައި އެކި ކަންކަމަށް ވިސްނަންޖެހޭ ކަަމަށް ނައިބު ރައީސް އަދީބު ވިދާޅުވިއެވެ.

" ބޭރު މީހަކު އެމްޕްލޯއީ ކުރުމާ އެކު ޑޮލަރު ޕްރެޝަރު އަންނާނެ. އެއްޗެހިތަކެއް އިމްޕޯޓް ކުރުމާއެކު ޑޮލަރަށް ޕްރެޝަރު އަންނާނެ،" އަދީބު ވިދާޅުވިއެވެ.

ދިވެހިން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދިވެހި ޒުވާނުންނަށް ވަޒީފާ ދިނުމަށް އިސްކަންދޭނަމަ މިހާރަށްވުރެ ގިނަ ސްކީމްތައް ތައާރަފް ކުރެވޭނެ ކަަމަށް އަދީބު ވިދާޅުވިއެވެ.

ވިިޔަފާރިވެރިން އުފެއްދުމަށާއި ވިިޔަފާރިތައް ފުޅާ ކުުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮގްރާމްގައި ވީހާވެސް ގިނަ ވިޔަފާރިވެރިން ބައިވެރިވާނެ ކަަމުގެ ޔަގީންކަން އެބައޮތްކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ވަނީ ގެޓްސެޓް ނަމުގައި ލޯން ސްކީމެއް ވެސް ފަށައިފައެވެ.