ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާން އެދޭ މީހުން އިތުރުވެ، ބައިނަލްއަގްވާމީ އެއާލައިންތަކަށް ފްލައިޓުތައް އިތުރުކުރާން މަޖުބޫރުވެފައިވާއިރު، އެއާލައިންތަކުން ގެންދަނީ ގިނަ ފަސިންޖަރުންތަކެއް ގޮވައިގެން ގިނަ މަންޒިލްތަކަކަށް މަދު ވަގުތުތަކެއް ހޭދަކޮށްގެން ދަތުރުކުރެވޭނޭ ގޮތްތަކެއް ހޯދަމުންނެވެ. އެގޮތުން އެމިރޭޓްސް އިން މީގެ ދުވަސްކޮޅެއް ކުރިން ވަނީ، އަންނަ އަހަރުގެ ފެބްރުއަރީ އެކަކުން ފެށިގެން ދުބާއީ އާއި ޕެނަމާއާ ދެމެދު ނޮން-ސްޓޮޕް ފްލައިޓްތައް ބާއްވަން އެ އެއާލައިނުން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ދުބާއީއާއި ޕެނަމާއާ ދެމެދު، އެހެން އެއްވެސް މަންޒިލަކަށް މަޑުކުރުމެއް ނެތި 14,000 ކިލޯމީޓަރުގެ ސީދާ ދަތުރެއް ކުރުމަށް އެމިރޭޓްސްއިން ނިންމާފައިވާއިރު، 17 ގަޑިއިރާ 35 މިނިޓްގެ ވަގުތެއް އެ ފްލައިޓްތަކުގައި ދަތުރުކުރާ ފަސިންޖަރުން ޖައްވުގެ ތެރޭގައި ހޭދަކުރާން ޖެހޭނެއެވެ. އެހެން ކަމުން މިއީ، ދުނިޔޭގައި މިހާތަނައް ކުރެވޭ އެންމެ ދިގު ނޮން-ސްޓޮޕް ކޮމާޝަލް ދަތުރުތަކަށް ވެގެންދާނެއެވެ.

ދުނިޔޭގައި ކުރެވޭ އެންމެ ދިގު ނޮން-ސްޓޮޕް ކޮމާޝަލް ދަތުރުތައްބާއްވާ 10 ފްލައިޓް.

  • ދުބާއީ – ޕެނަމާ، (އެމިރޭޓްސް) 17 ގަޑި 35 މިނިޓް (13821 ކިލޯމީޓަރު)
  • ޑަލަސް / ފޯޓް ވާރތު – ސިޑްނީ، (ގަންޓަސް) 16 ގަޑި 55 މިނިޓް (13804 ކިލޯމީޓަރު)
  • ލޮސްއެންޖަލްސް –ޖިއްދާ، (ސައުދިއާ) 16 ގަޑި 55 މިނިޓް (13409 ކިލޯމީޓަރު)
  • ޖޮހަނަސްބާގް – އެޓްލާންޓާ، (ޑެލްޓާ އެއާލައިންސް) 16 ގަޑި 40 މިނިޓް (13582 ކިލޯމީޓަރު)
  • ދުބާއީ – ލޮސްއެންޖަލްސް، (އެމިރޭޓްސް) 16 ގަޑި 35 މިނިޓް (13420 ކިލޯމީޓަރު)
  • އަބޫދާބީ – ލޮސްއެންޖަލްސް، (އިއްތިހާދު އެއާވޭސް) 16 ގަޑި 30 މިނިޓް (13502 ކިލޯމީޓަރު)
  • ދުބާއީ – ހައުސްޓަން، (އެމިރޭޓްސް) 16 ގަޑި 20 މިނިޓް (13144 ކިލޯމީޓަރު)
  • ޑަލަސް / ފޯޓް ވާރތު – ހޮންކޮންގު (އެމެރިކަން އެއާލައިންސް) 16 ގަޑި 20 މިނިޓް (13072 ކިލޯމީޓަރު)
  • އަބޫދާބީ – ސެން ފްރެންސިސްކޯ، (އިއްތިހާދު އެއާވޭސް) 16 ގަޑި 15 މިނިޓް (13128 ކިލޯމީޓަރު)
  • ދުބާއީ – ސެން ފްރެންސިސްކޯ، (އެމިރޭޓްސް) 15 ގަޑި 50 މިނިޓް (13041 ކިލޯމީޓަރު)

ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް)ގެ އެޖެންޑާ ބްލޮގްގައި ފާހަގަކޮށްފައިވާ ދުނިޔޭގެ އެންމެ ދިގު ދަތުރުތައް ކުރާ ފްލައިޓްތަކުގެ ލިސްޓުގެ އެންމެ ކުރިން، ކައިރި މުސްތަގުބަލެއްގައި އެމިރޭޓްސްއަށް ޖާގަ ލިބުނަސް އެ އެއާލައިނަށް އަދި އޮތްގޮތުން އޯލްޓައިމް ރެކޯޑް މުގުރައެއް ނުލެވޭނެއެވެ. އެ ޝަރަފް މިހާތަނަށް ހޯދާފައިވަނީ، ސިންގަޕޫރާއި ނެވާކް، އަދި ނިއުޔޯކަށް ސީދާ ދަތުރުތަކެއް ކޮށްގެން ސިންގަޕޯ އެއާލައިންސްގެ ފްލައިޓް ނަންބަރު އެސްކިއު-21 އިންނެވެ. ސިންގަޕޯ އެއާލައިންސްގެ ފްލައިޓް ވަނީ، 15,329 ކިލޯމީޓަރުގެ އެ ދިގު ދަތުރަށް 19 ގަޑިއިރު ހޭދަކޮށްފައެވެ.

އެސްކިއު-21ގެ އެންމެ ފަހު ދަތުރުކޮށްފައި ވަނީ، 23 ނޮވެމްބަރު 2013 ގައި އެމެރިކާގެ ނެވާކް ލިބަޓީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓަށެވެ.