24 Aug 2015, 02:21
ރާއްޖޭގެ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފައިނޭންސް ލިބޭނެ ގޮތެއް ނެތުން ކަމަށް ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އިސްލާމިކް ފައިނޭންސްގެ ދަށުން 30 މިލިއަން ރުފިޔާގެ ސްކީމެއް ތައާރަފުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މި ސަރުކާރުން ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ.
ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވިޔަފާރީގެ ފުރުސަތުތައް ވެސް އެބަހުރި ކަަމަށެވެ. އެގޮތުން ވިޔަފާރިއަކަށް ވިސްނާއިރު ރާއްޖެއަށް އިމްޕޯޓްކުރާ ބާވަތްތައް ބެލުމަށް ފަހު އެބާވަތެއް ނުވަތަ އެބާވަތެއްގެ ބަދަލުގައި ބޭނުންކުރެވޭނެ ކަހަލަ އެއްޗެއްގެ ވިޔަފާރި ފަށައިފިނަމަ ކާމިޔާބުވުމުގެ އުއްމީދު ބޮޑު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
22 މިލިއަން ރުފިޔާގެ ބިލެތް
ރާއްޖޭގައި ބިލެތް ނުހައްދާނަމަ 22 މިލިއަން ރުފިޔާގެ ބިލެތް އަހަރަކު އެތެރެކުރަންޖެހޭނެ ކަމަށް އަދީބު ވިދާޅުވިއެވެ.
" މިދިޔަ އަހަރު ސީއައިއެފް އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް ވަނީ ރާއްޖެ އަށް އިމްޕޯޓްކޮށްފައި،" ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭގޮތުން އަދީބު ވިދާޅުވިއެވެ.
" އިމްޕޯޓްކުރާ އެއްޗައް ބަލައިގެން ރަނގަޅު ވިޔަފާރިއެއް ފެށިދާނެ،" އަދީބު ވިދާޅުވިއެވެ.
ރާއްޖޭގައި މަތީ ފެންވަރުގެ އާ މާކެޓްތައް އެބަހުރި ކަމަށާއި އެ މާކެޓްތަކަށް ކަމުދާ ގޮތަށް ވިޔަފާރިކުރެވޭނަަމަ އެ ފަދަ ބާވަތްތައް ގަންނާނެ ފަރާތްތައް ރާއްޖެ ޒިޔާރަތްކުރާ ކަަމަށާއި އަދި ރާއްޖޭގައި ވެސް އުޅޭ ކަމަށް އަދީބު ވިދާޅުވި އެވެ.

'ފަސޭހަ މަދަދު' ލޯނު ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
އެ ސްކީމުގެ ދަށުން ކުދި ވިޔަފާރިތަކަށް 100،000 ރުފިޔާ ދޫކުރާ އިރު މެދުފަންތީގެ ވިޔަފާރިތަކަށް 1،000،000 މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ. އެ ސްކީމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން އޮކްޓޫބަރު 29ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.