މިނިވަން 50 އާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ދިއްލުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން އެންމެ ރީތިކޮށް ބޮކިދިއްލައި ޒީނަތްތެރިކޮށްފައިވާ އިމާރާތަކަށް ފިނޭންސް މިނިސްޓްރީ ހޮވިއްޖެއެވެ.

މިނިވަން 50 އާ ގުޅިގެން ކުރިއަށް ގެންދިޔަ ހެވި ކަމުގެ ހަރާކާތްތައް ނިންމުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީއަށް ވަނީ އެންމެ ރީއްޗަށް ޒީނަތްތެރި ކޮށްފައިވާ އިމާރާތުގެ އިނާމަކަށް 30،000 ރުފިޔާ އާއި ހޯމް މިނިސްޓްރީން ހަމަޖައްސާފައިވާ ރަން އަންގި ހަވާލު ކޮށްފައެވެ.

އޭގެއިތުރުން އެންމެ ރީތިކޮށް ތައްޔާރު ކޮށްފައިވާ ގިޑިގޭގެ އިނާމުވެސް ލިބިފައިވަނީ ފިނޭންސް މިނިސްޓްރީ އަށެވެ.

އެންމެ ރީތިކޮށް ޒީނަތްތެރިކޮށްފައިވާ ސަރައްދަކަށް ހޮވިފައިވަނީ ސޯސަން މަގު އޭޑީކޭ ހޮސްޕިޓަލުން ފެށިގެން ހެލްތު މިނިސްޓްރީ އާ ހިސާބަށް ރީތިކޮށްފައިވާ ސަރަހައްދެވެ. ދެވަނައަށް އެންމެ ރީތިކޮށްފައިވާ ސަރަހައްދަކަށް ހޮވިފައިވަނީ ރައީސް އޮފީސް ކުރިމަތީ ފަޅުތެރެއެވެ. އަދި ތިން ވަނައަށް އެންމެ ރީއްޗަށް ޒީނަތްތެރިކޮށްފައިވާ ސަރަހައްދަކަށް ހޮވިފައިވަނީ މަޖީދީ މަގުން ފެށިގެން ސޯސަން މަގާ ހަމައަށް ޒީނަތްތެރި ކޮށްފައިވާ ސަރަހައްދެވެ.

އެސްއެމްއެސް ކޮށްގެން ވަނަތައް ހޮވި އެ މުބާރާތުގެ ދެވަނައަށް އެންމެ ރީތި ގިޑިގެ އެއް ހަދާފައިވަނީ، ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ކުރިމަތީ ގައެވެ.

އެންމެ ރީތިކޮށް ޒީނަތްތެރިކޮށްފައިވާ އިމާރާތްތަކުގެ ތެރެއިން ދެވަނައަށް މުލިއާގެ ހޮވިފައިވާއިރު ތިންވަނަ އަށް ހޮވިފައިވަނީ ދިވެހި ރާއްޖޭގެ އަޑެވެ.

އެ މުބާރާތުގެ ދެވަނައަށް އައި ފަރާތްތަކަށް ވަނީ ހޯމް މިނިސްޓްރީގެ ފަރާތުން ހުށަހަޅާފައިވާ ރިހި އަންގި އާއި 15،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލު ކޮށްފައެވެ.

އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖުމުލަ ފަސް ބަޔަކަށް ބަހާލައިގެންނެވެ. ނަމަވެސް އާންމު ގެތައް ޒީނަތްތެރި ކުރުމާއި ރަށްރަށުގެ ތަންތަން ޒީނަތްތެރި ކުރުމުގެ ކެޓަގަރީ ވަނީ މުބާރާތުން އުނިކޮށްފައެވެ. އެގޮތަށް ކަންތައް ކުރުމަށް ނިންމާފައިވަނީ އެ ކެޓެގަރީތަކުން ހުށަހެޅި ހުށަހެޅުންތައް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނުފެތޭތީ ކަމަށް އެކަންކަން ބެލެހެއްޓި ކޮމިޓީން ވަނީ ބުނެފައެވެ.

ހެވި ކަމުގެ ހަރަކާތްތައް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ހެވި ކަމުގެ ހަރަކާތްތައް ނިންމުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ މިނިވަން 50 އާ ގުޅިގެން ލިޔެފައިވާ ފޮތެއްވެސް ލޯންޗުކޮށްފައެވެ. އެ ފޮތް ލިޔުއްވާފައިވަނީ ކަށިމާ އަހުމަދު ޝާކިރެވެ.

ހެވި ކަމުގެ ހަރަކާތްތައް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު ޖައިޝަން

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ހިންގި އެކި ހަރަކާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ވަނީ މިރޭގެ ރަސްމިއްޔާތުގައި ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ހަވާލު ކޮށްފައެވެ.

އެގޮތުން މިނިވަން 50 ފާހަގަކުރުމުގެ ގޮތުން ބޭއްވި ސްކައި ޑައިވް ހަރަކާތުގެ ބައިވެރިންނަށްވެސް ވަނީ ހަނދާނީ ލިޔުން ހަވާލު ކޮށްފައެވެ.