ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭ ބަންދުން އަނބުރާ ޖަލަށް ގެންގޮސްފައިވަނީ އެމަނިކުފާނު ހުކުމުގެ މުއްދަތު ހަމަވަންދެން އެއްކޮށް ގޭބަންދަށް ބަދަލުކޮށްފައިވަނިކޮށް ކަަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

އެމްޑީޕީ އޮފީހުގައި މިރޭ ބޭއްވި ކުއްލި ޕްރެސްކޮންފަރެންސްގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވީ، 19 ޖުލައި 2015 ގައި ރައީސް ނަޝީދު ގޭބަންދަށް ބަދަލުކުރިކަން ރަސްމީ ލިޔުމަކުން ކަރެކްޝަނަލް ސާވިސްއިން އަންގަވާފައިވާ ކަމަށެވެ. އަދި އެ ލިޔުމުގެ އަސްލު ރައީސް ނަޝީދު އަތްޕުޅުގައިވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ލިޔުމާ ބެހޭގޮތުން 'ސަން' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ވިދާޅުވީ، އެ ލިޔުން ރައީސް ނަޝީދާ ހަވާލުކުރެއްވި އިރު އެބޭފުޅާ ވެސް އެތާ ހުންނެވި ކަމަށެވެ.

" ކަރެކްޝަނަލް ސާވިސް އިން އެ ލިޔުން ހަވާލުކުރައްވަން ވަޑައިގެންނެވި ބޭފުޅާގެ ވީޑިއޯ ފޫޓޭޖް ސީސީޓީވީ އަޅުގަނޑުމެން އަތުގަ އެބަހުރި. ޔާގޫތުގެއަށް އެ ބޭފުޅާ ވެންނެވި މަންޒަރު ދައްކުވައިދޭ ސީސީޓީވީގެ ފޫޓޭޖް ވެސް އެބަހުރި،" ހަސަން ލަތީފު ވިދާޅުވިއެވެ.

އަދި އެއީ ސިއްރިިޔާތުގައި ހިނގި ކަމެއް ނޫން ކަމަށާއި އެއީ ތައްގަނޑު ޖަހާފައިވާ ލެޓާ ހެޑްގައި އޮތް ރަސްމީ ލިޔުމެއް ކަމަށާއި އެ ލިޔުމުގައި ސޮއިކޮށްފައި ވަނީ ކުރިން ވެސް ކަރެކްޝަނުން އަންނަ ލިޔުންތަކުގައި ސޮއިކުރާ ފަރާތުން ކަމަށް ހަސަން ވިދާޅުވިއެވެ.

އެ ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން ގާނޫނީވަކީލު ހިސާން ހުސެން ވިދާޅުވީ 'ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައި އެއްވެސް އިތުބާރެއް ނެތި ގޮސްދާނެ ކަމަށް' ހިތްޕުޅަށް ނާރާ ކަމަށެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައި ކަަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގޭބަންދުގައި ހުންނަވާއިރު ގެއިން ބޭރަށް ވަޑައިގެންފިނަމަ އެއީ ވަކި މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަަމަށް އެ ލިޔުމުގައިވާ ކަަމަށާއި އަދި ރައީސް ނަޝީދު އެ ލިޔުމާއި ޚިލާފުވެވަޑައިގެންފައި ނުވާއިރު ޖަލަށް ގެންދެވުމަކީ ގާނޫނާއި ޚިލާފުކަމެއް ކަަަމަށް ހިސާން ވިދާޅުވިއެވެ.

ކަރެކްޝަންސްގެ ފަރާތުން ވަޑައިގެންނެވި " ގާޑުންގެ އެއްވެސް އައިޑީއެއް ނެތް ކަމަށް" ހިސާން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބޭއްވި ޕްރެސްކޮންފަރެންސް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މޯލްޑިވިސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މޫސާ ރަމީޒު މިރޭ ސަން އަށް ވިދާޅުވީ، ރައީސް ނަޝީދު އަނބުރާ މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ޑޮކްޓަރުން ރިޕޯޓްތައް ދިރާސާ ކުރެއްވުމަށް ފަހު ނިންމެވީ އެގޮތަށް [ޖަލަށް ބަދަލު ކުރަން" ރަމީޒު ވިދާޅުވި އެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން "ސްޓްރެސް ފްރީ އެންވަޔަރަންމެންޓެއްގައި" ބެހެއްޓުމަށް ރައީސް މުހައްމަދު ނަޝީދު ގޭ ބަންދަށް ބަދަލުކުރީ މިދިޔަ ޖޫން މަހު 21 ވަނަ ދުވަހުއެވެ.